
ކިސް ކުރުން އެންމެ ފުރަތަމަ ފަށާފައިވަނީ މީގެ 4،500 އަހަރު ކުރިން - އައު ދިރާސާ
NYPICHPDPICT000011332071 copy
އާ ދިރާސާތަކުން ދައްކާ ގޮތުގައި އިންސާނުން އެކަކު އަނެކަކުގެ ތުންފަތަށް ބޮސްދީ ހަދަންފެށީ، ކުރިން ހީކުރި ވަރަށް ވުރެ 1،000 އަހަރު ކުރިންނެވެ.

އޮކްސްފޯޑް ޔުނިވާސިޓީ އާއި ޑެންމާކުގެ ޔުނިވާސިޓީ އޮފް ކޯޕަންހޭގަންގެ ސައިންސްވެރިން ދާދި ފަހުން ވަނީ މެސޯޕޮޓޭމިއާގެ ކުރީގެ މުޖުތަމައުތަކުން ލިޔުނު ވަސީލަތްތައް އެނަލައިޒްކޮށް، އިންސާނިއްޔަތުގެ އެންމެ ފުރަތަމަ ރެކޯޑް ކުރެވިފައިވާ ކިސް އަކީ މީގެ 4،500 އަހަރު ކުރިން ހިނގާފައިވާ ކަމެއް ކަމަށް ހުށަހަޅައިފަ އެވެ.
"މިހާރުގެ އިރާގާއި ސީރިއާގެ ޔޫފްރޭޓްސް އާއި ޓައިގްރިސް ކޯރުތަކުގެ މެދުގައި އޮތް ކުރީ ޒަމާނުގެ އިންސާނީ ސަގާފަތްތަކަށް ކިޔާ ނަމެއް ކަމުގައިވާ އިހުގެ މެސޯޕޮޓޭމިއާގައި މީހުން ލިޔުނީ ކްލޭ ޓެބްލެޓްތަކުގައި ކިއުނިފޯމް ސްކްރިޕްޓުގައި،" ޔުނިވާސިޓީ އޮފް ކޯޕަންހޭގަންގެ ޑރ ޓްރޯއެލްސް ޕަންކް އާބޮލް އެސްޑަބްލިއުއެންއެސް އަށް ތަފްސީލުކޮށްދެއްވި އެވެ.
މީގެ ތެރެއިން އެތައް ހާސް މަށި ޓެބްލެޓްތަކެއް މިއަދާ ހަމައަށް ވެސް ސަލާމަތުން ހުރި އިރު، ބޮސްދިނުމަކީ ޒަމާނުއްސުރެން ފެށިގެންވެސް، ގާތްކަމުގެ ބައެއްގެ ގޮތުގައި ބެލެވިފައި އޮތް ކަމެއް ކަމަށާއި، ބޮސްދިނުމަކީ އެކުވެރިކަމާއި އާއިލާގެ މެމްބަރުންގެ ގުޅުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތާރީޚުން ލިބިފައިވާ ހެކިތަކުގެ އަލީގައި، މީގެ ކުރިން ތަޖުރިބާކާރުން ހާމަކޮށްފައިވާ ގޮތުގައި، އިންސާނުން ލިޕް-ޓު-ލިޕް ބޮސްދޭން އެންމެ ފުރަތަމަ ފަށާފައިވަނީ މީގެ 3،500 އަހަރު ކުރިންނެވެ.
ބޮސްދިނުމަކީ އިޖުތިމާއީ އަދި ޖިންސީ ގުޅުމުގައި، އާންމުކޮށް ކޮށް އުޅޭ ކަމެއް ނަމަވެސް، ސައިންސްވެރިން ބުނަނީ މި އާދައަކީ ނޭނގި މައިކްރޯޖަނިޒަމްތައް ފެތުރުމުގައި ދައުރެއް އަދާކޮށް އިންސާނުންގެ މެދުގައި ވައިރަސް ފެތުރުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.