
large_158774569163GiCo
އެސްޓީއޯއިން ވިއްކާ ޑީސެލްއާއި ޕެޓްރޯލްގެ އަގު މިއަދުން ފެށިގެން އަގުބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ދެންމެ ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތާ ދުވަސްތަކެއްވުމާއި ގުޅިގެން، ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގުވެސް ވަނީ އުފުލިފައި ކަމަށާއި އެހެންކަމުން، ރާއްޖޭގައި ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ބަދަލު ކުރަން ނިންމައިފައިވާ ކަމަށެވެ.
އަލަށް ގެނައި ބަދަލާއެކު ޑީސެލް ލީޓަރެއްގެ އަގު ވަނީ 8.71 ރުފިޔާއިން 9.19 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
ކުރިން 8.07 ރުފިޔާއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 8.44 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އޭރުގެ އަގާއި ބަލާއިރު ޑީސަލް ލީޓަރަކުން 48 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 37 ލާރި މިވަނީ ބޮޑުކޮށްފައެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނެސްފައިވަނީ މިދިޔަ އަހަރުގެ މާޗު 21 ވަނަ ދުވަހުގަ އެވެ. އެފަހަރު އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސެލްގެ އަގުތައް އޭގެ ކުރިން ހުރި ވަރަށްވުރެ ކުޑަކޮށްފަ އެވެ.