
ދެކުނުގެ މަސްވެރިންނަށް އުފާވެރި ދުވަހެއް: ޖަޒީރާ 103 އިން މަސްކިރަން ފަށައިފި
photo1684417764
މިފްކޯއިން އަލަށް ގެނައި މަސްކިރާ ބޯޓަށް މަސްކިރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

ދުވާލަކު 120 މެޓްރިކް ޓަނުގެ މަސްގަނެ ފިނިކުރުމުގެ ގާބިލުކަން ލިބިފައިވާ މި ބޯޓަށް މަސްކިރަން ރަސްމީކޮށް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެވެ. އެބޯޓުން މަސްކިރުން ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްުޔާތުގައި މިނިސްޓަރ އަމީރުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ ހުސެއިން ހަސަން އާއި މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީގެ އާއި އެސްޓީއޯގެ އެމްޑީ އަބްދުﷲ ސައީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޖާޒީރާ 103 ނަމުން ނަންދީފައިވާ މި ބޯޓަށް ފުރަތަމަ މަސްކިރުމުގެ ޝަރަފު ލިބިގެން ގޮސްފައިވަނީ ގދ ފަރެސްމާތޮޑާއަށް ނިސްބަތްވާ ދޯންޏެއް ކަމަށްވާ ވިލެޖް މެރިން ދޯނިއަށެވެ.

"ޖަޒީރާ 103″ ނަމުން ނަންދީފައިވާ މި ބޯޓަކީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސްކިރޭގޮތަށް 2 ކްރޭން ހަރުކޮށް ހަދާފައިވާ ބޯޓެކެވެ. މީގެ އިތުރުން މި ބޯޓަކީ ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ސްޓޯކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެކެވެ.
މި ބޯޓަކީ ދެކުނުގެ މަސްވެރިން މަސްކިރުމަށް ކޫއްޑޫއަށް ކުރަމުން އަންނަ ދުރު ރާސްތާ ދަތުރު ކުރުކުރުމަށް ރައީސް ސޯލިހް މިދިޔަ އަހަރު ފަރެސްމާތޮޑާގައި ބޭއްވި މަސްވެރިންގެ ޖަލްސާގައި ވައުދުވި ވައުދާއި އެއްގޮތަށް އެވައުދު ފުއްދުމަށް ގެނެވުނު ބޯޓެކެވެ. އެގޮތުން މިފްކޯއިން މިހާރުވެސް އަންނަނީ އިތުރު ތިންބޯޓު މިހާރު ރަޖިސްޓްރީކޮށް ނިންމައި، މަސްކިރުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި ގެންނަންޖެހޭ ބައެއް ބަދަލުތައް ބޯޓަށް ގެނައުމުގެ މަސައްކަތްތަށް ތައިލެންޑުގެ ބެންކޮކުގައި ކުރަމުންނެވެ. މި ބޯޓުތަކަކީވެސް ދުވާލަކަށް 70 ޓަނުގެ މަސް ކިރޭނެ ގާބިލުކަން ލިބިފައިވާ ބޯޓުތަކެކެވެ.



