“ސާފު ކަނޑުފަރު”ގެ ނަމުގައި ޕްލާސްޓިކާއި ދެކޮޅަށް ކެމްޕެއިނެއް!

“ސާފު ކަނޑުފަރު”ގެ ނަމުގައި ގެމަނަފުށީ ޖަމިއްޔާތަކުން އިސްނަގައިގެން ކެމްޕެއިނެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ދިވެހި މަސްވެރިން ޖަމިއްޔާއި، އައިޖް ޖަމިއްޔާއާއި ޒުވާން މަސްވެރިޔާއާއި އަދި ގެމަނަފުށީގެ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން ކުރިޔަށްގެންދާ މި ކެމްޕެއިންގައި މިހާރު ވަނީ ގެމަނަފުށީ މަސްދޯނިތަކަށް ނެޓްބޭގް ހަވާލުކުރަން ފަށާފައި އެވެ. މި ހަރަކާތަކީ މުޅި ހުވަދު އަތޮޅުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ހުވަދު އަތޮޅުގެ ހުރިހާ މަސްދޯނިތަކަކުންވެސް އުކާލާ ޕްލާސްޓިކާއި އެހެނިހެން ކުނިތައް ކަނޑަށް އުކާލުމުގެ ބަދަލުގައި ދޯނިތަކުން ނެގޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަގްސަދުގައި ނެޓްބޭގް ހަވާލުކުރުމަށް ވެސް ވަނީ ހަމަޖެހިފައި އެވެ. އަދި ނެގޭ ޕްލާސްޓިކް “ރީސައިކަލް”ކުރާ ބަޔަކާ ހަވާލުކޮށް އެ ކަންކަން ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖައްސުމަށް ވެސް ވަނީ ނިންމާފައި އެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މިހާރުގެ ހާލަތުން ރާއްޖޭގެ ނަން ކިލަނބުވިޔަނުދީ، މަސްވެރިކަމުގެ ދާއިރާއިން ތިމާވެށި ހިމާޔަތްކުރުމުގައި ރާއްޖެއިން ނަމޫނާ ދެއްކުމާއި، ކުނިއަޅާ ފަރާތްތަކަށް މިކަމުގައި ހުރި ނުރައްކަލުގެ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ތިމާވެއްޓަށް ކުނިއެޅުމުގެ ބަދަލުގައި ޒިންމާދާރު ގޮތެއްގައި ފަސޭހައިން ކުނި ނައްތާލެވޭނެ މަގުފަހިކޮށްދިނުމެވެ.

މި ކެމްޕެއިންގެ ފުރަތަމަ މަރުހަލާ ކުރިޔަށްގެންދިޔުމަށް ނިންމާފައިވަނީ ގއ ގެމަނަފުށީގައި އެވެ. އެގޮތުން ދޯނި ތަކުން ގެންނަ ޕްލާސްޓިކާއި އެހެނިހެން ކުނި ނެގޭނެ އިންތިޒާމް ގެމަނަފުށީ ބަނދަރުމަތީގައި ހަމަޖެއްސުމަށްޓަކައި މިހާރު ވަނީ ގެމަނަފުށީ ކައުންސިލާއި ގއ އަތޮޅު ކައުންސިލާއި މަޝްވަރާކޮށްފައި އެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން އަތޮޅު ކައުންސިލާއި ރާއްޖޭގެ ބައެއް ކުންފުނިތަކާއި ތިމާވެއްޓާ ގުޅުންހުރި ބައެއް ޖަމިއްޔާތަކުން މިހާތަނަށް ވަނީ އެކި ގޮތްގޮތުން އެހީތެރިވެދީފައިވާކަމަށް މި ހަރަކާތް އިންތިޒާމްކުރާ ޒުވާނުން ވަނީ ބުނެފައި އެވެ. އެގޮތުން އެންސިސް ފިޝަރީޒް އާއި ދަންމަރު ޖަމިއްޔާ އާއި ނޯޕްލާސްޓިކް މޯލްޑިވްސް އަދި ކްލީން މޯލްޑިވްސް ޖަމިއްޔާ ހިމެނެއެވެ.

 

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް