
Gadhdhoo-o8hwg9taif1jeci70qaihpupst0n9htke4ohewcnzk
ކޮވިޑު-19 އިން ދިފާއުވުމަށް ވެކްސިން ޖެހިތާ ދެ ދުވަސް ފަހުން އުމުރުން ދުވަސްވީ މީހަކު މަރުވި މައްސަލަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަލަން ފަށައިފި އެވެ.

ގދ. ގައްދު އަށް އުފަން އުމުރުން ދުވަސްވީ މީހާ އަށް ވެކްސިން ދިނީ ވެސް އެ ގައްދޫގައި އެވެ. ވެކްސިން ދިން ފަހުން އޭނާގެ ހާލު ބޮޑުވެގެން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެނިކޮށް ނިޔާވީ މިއަދު ހެނދުނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނި ގޮތުގައި ނިޔާވި އުމުރުން 93 އަހަރުގެ ފިރިހެން މީހާއަކީ ސިއްހީ އެތައް މައްސަލައެއްގެ ސަބަބުން ބަލި އެނދުގައި އޮންނަތާ 10 އަހަރުވެފައިވާ މީހެއް ކަމަށެވެ. އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި އެމީހާއަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނީ މިދިޔަ ބުދަ ދުވަހުއެވެ.
މި މީހާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. އަދި ތަހުގީގު ފުރިހަމަކޮށް ނިމުމުން، މިކަމުގެ މައުލޫމާތުތައް އާންމު ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށް ވެސް އެޗްޕީއޭގެ ޓުވީޓުގައިވެއެވެ.
ރާއްޖޭގައި ބޭނުންކުރަމުން އަންނަ "ކޮވިޝީލްޑް" ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރެޒެނެކާގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެވެ. އިމަޖެންސީ ހާލަތުގައި އެ ވެކްސިން ބޭނުންކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މިހާރު ހުއްދަ ދީފަ އެވެ.