logoEN
ޕީއެންސީ 2
ގދ. ހުޅުވާރުލުގެ ރީތި އަންހެނުންގެ  ވާހަކަ

ގދ. ހުޅުވާރުލުގެ ރީތި އަންހެނުންގެ ވާހަކަ

ގާފު އެޑިޓޯރިއަލް

logo

11/15/2020, 11:08:12 PM

# ތާރީޚް

2-1

-ނ.ތ ޙަސަންދީދީގެ ގަލަމުން-

ޝަރީ 2024

އިހުޒަމާނުގައި ހުވަދު އަތޮޅު ހުޅުވާރުލަކީ މީހުން އުޅުނު ރަށެކެވެ. ފަހުން އެރަށް ފަޅުވީއެވެ. އެޒަމާނުގައި އެރަށުގެ އެންމެ ޚާއްޞަ ކަމަކީ އެރަށުގެ އަންހެނުން ރީތިކަމެވެ. އޭރު އެރަށުގައި އުޅުނު އަންހެނުންނަކީ އާދަޔާއި ޚިލާފު ރީތި ބައެކެވެ. އަދި މިކަމުގެ ސަބަބުން އެރަށްވަނީ މުޅި އަތޮޅުގައި މަޝްހޫރުވެފައެވެ.

އެދުވަސްވަރު އެރަށުގެ ވެރިޔަކަށްހުރީ ހުޅުވާރުލުކަލޭފާނުކިޔާ މީހެކެވެ. އަދި މީނާގެ ވެރިކަމުގައި އެރަށުގައި ގުންބުޑިއާއޭ ކިޔުނު މީހަކުވެސް އުޅުނެވެ. މިއީ މާބޮޑު މުއްސައްޖެކެވެ. މިދެމީހުންވެސް އެރަށުގައި އުޅުމާއެކު އެރަށުގެ ރައްޔިތުން ވަރަށް ސުލުހަވެރިކަމާއެކު އެތައް ދުވަހެއްވަންދެން އެރަށުގައި ދިރިއުޅުމުން ދިޔައެވެ. ދެން ކުއްލިއަކަށް ފެނުނީ ހުޅުވާރުލުކަލޭފާނާއި ގުންބުޑިއާއާ ދެމީހުން ކޮންމެވެސް މައްސަލައެއްގައި ދެބަސްވީތަނެވެ. ހުޅުވާރުލުކަލޭފާނާއި ގުންބުޑިއާ ދެބަސްވުން މައްޗަށް ދަމުންގޮސް ރަށުގެ ރައްޔިތުންނަށްވެސް އެކަމުގެ އުނދަގޫ ފޯރާހިސާބަށް ހިގައްޖެއެވެ. އެހެނީ އެކަކީ އެރަށުގެ ވެރިމީހާއަށްވެފައި އަނެކަކީ ރަށުގެ އެންމެ މުއްސަދި މީހާއަށްވީމާ އެދެމީހުން ކުރާކަންތައް އެންމެހާ ރައްޔިތުންނާ ހަމައަށް އަސަރު ފޯރަނީއެވެ.

މިދެމީހުންގެ ދެބަސްވުން ވަރަށް މައްޗަށް ގޮސްފައިވާވަނިކޮށް އެރަށުގެ މީހުންނަށް އިތުރު ކަމެއް ޖެހިއްޖެއެވެ. އެއީ އެރަށަށް ފުރޭތައެއް އަރަންފެށުމެވެ. ފުރޭތައަރާތީ ބިރުން އެރަށުމީހުންނަށް ރޭގަނޑަކު ހަމަނިންޖެއް ނުލިބެއެވެ. އަދި ފުރޭތަ އަރަންފެށުމާއެކު ރަށުތެރެއިން މީހުން މަރުވާންވެސް ފަށައިފިއެވެ.

މިދެކަންތަކާހުރެ ރަށުގެ ރައްޔިތުންވަނީ ހާސްވެފައެވެ. ހަދާނެގޮތް ހުސްވެފައެވެ. މިފަދަ ދަތިހާލުގައި ހުޅުވާރުލުގެ މީހުން އުޅެމުން އަންނަނިކޮށް އެރަށުގެ އަންހެނުން ރީތިކަމުގެ މައްސަލަ އަނެއްކާ މާބޮޑުވެއްޖެއެވެ. ރަށުގެ އަންހެނުން ރީތިކަމުން އަތޮޅުގެ އެހެން ރަށްރަށުގެ ފޯރާ މީހުން އައިސް އެރަށުގެ އަންހެނުންނާ އިނދެގެން މާގިނައިން ގެންދާގޮތް ވާންފަށައިފިއެވެ. މިހެންމިކަންތައް ހިނގާތީ އެރަށުގެ ފިރިހެނުންނަކީ ކޮންމެހެން ފާހަގަކުރެވޭ ވަރުގެ ރީތިބަޔަކަށްވެސް ނުވުމާއެކު އެރަށުގެ ފިރިހެނަކާ އިންނާނެ ކުއްޖަކުވެސް އެރަށުން ނުވާންފަށައިފިއެވެ. ބޭރު ރަށްރަށުގެ މީހުންނާ އިނދެގެން އެރަށުން އަންހެން ކުދިން ބޭރަށް ދިއުން ގިނަވެގެންގޮސް އެރަށުން އަންހެންކުދިން ހުސްވާ ހިސާބަށް އެންމެފަހުން ކަންތައް ހިނގައްޖެއެވެ. ދެން މިކަމާމެދު އެރަށުގެ ފިރިހެނުން އެކި ދޭދޭމީހުން ވާހަކަދައްކަމުންގޮސް އެންމެފަހުން ރައްޔިތު ހުރިހާ ފިރިހެނުން އެއްވެ ހަދާނެ ގޮތަކާމެދު މަޝްވަރާކޮށްފިއެވެ. އެންމެންނަށްވެސް ފެނުނީ ދެން އެރަށުގައި އުޅެވޭނެގޮތެއް ހަމަނެތްކަމަށެވެ. ރަށްދޫކޮށްލާފައި ދިއުންނޫންގޮތެއް ނެތެވެ. މިގޮތަށް އެންމެން އެއްބަސްވުމަށްފަހު ރަށުގައި ތިބި ހުރިހާ ފިރިހެނުން އޭރު ތިބި މަދު އަންހެނުންކޮޅާއިއެކު ފުރައިގެން އަތޮޅުގެ އެކިއެކި ރަށްރަށަށް ދިޔައެވެ. އެދުވަހުން ފެށިގެން ހުޅުވާރުލަކީ ފަޅުރަށެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ