
އިމްރާން ޚާނަށް އިސްލާމްއާބާދު ކޯޓުން ދެ ހަފުތާގެ ކަފާލާތެއް ދީފި
Untitled-design-68-1
ކޮރަޕްޝަންގެ ތުހުމަތުގައި މި ހަފުތާގެ ކުރީކޮޅު ހައްޔަރުކުރި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ދެ ހަފުތާގެ ކަފާލާތެއް ޕާކިސްތާނުގެ ކޯޓަކުން ދީފި އެވެ.

މި ނިންމުން ނިންމާފައިވާ އިސްލާމްއާބާދު ހައިކޯޓުގެ ދެ ފަނޑިޔާރުންގެ ބެންޗުން ހުކުރު ދުވަހު އެވެ. އިމްރާން ހައްޔަރުކުރީ އެ ގައުމުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯ (އެންއޭބީ) އިން ނެވެ. ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ވެރިޔާ އިމްރާހން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެ ކޯޓުގެ ގޯތިތެރެއިންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ އޭނާ ހައްޔަރުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައި، ހުކުރު ދުވަހު އިމްރާން އިސްލާމްއާބާދު ކޯޓަށް ހާޒިރުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފަ އެވެ.
އަލްޤާދިރު ޓްރަސްޓް ގެ މައްސަލާގައި އިމްރާންގެ ކަފާލާތުގެ މައްސަލައިގެ އަޑުއެހުމެއް ހުކުރު ދުވަހުގެ ހެނދުނު ބޭއްވުމަށް ތާވަލުކުރެވުނެވެ. ނަމަވެސް ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ލަސްވެ، އެ ދެމެދުގައި ނަމާދުގެ ބްރޭކެއް ޖެހުނެވެ.
އަޑުއެހުން އަލުން ފަށާނެ ވަގުތެއްގެ އިންތިޒާރުގައި ހުންނަވައި މިއަދު އުމުރުން 70 އަހަރުގެ އިމްރާން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ "ވަގަށް ނެގީ" ކޯޓު ސަރަހައްދުން ކަމަށެވެ. އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފައިމިވަނީ އޭނާއަށް އިންސާފު ލިބުމާއި މެދު އޭނާ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ސުވާލުވެސް އުފައްދާފައިވަނިކޮށެވެ.
އަންގާރަ ދުވަހު އިމްރާން ހައްޔަރުކުރުމާ ގުޅިގެން މުޅި ގައުމުގައި ނުރައްކާތެރި މުޒާހަރާތަކެއް ފެށިއިރު، އިމްރާންގެ ސަޕޯޓަރުން ވަނީ ފުލުހުންނާއި ޕެރަމިލިޓަރީ ފޯސްތަކާ ކުރިމަތިލައިފަ އެވެ. ބައެއް ސިޓީތަކުގައި ރުޅިގަދަވި މީހުން ވަނީ އަސްކަރީ މަރުކަޒުތައް ހިމެނޭ ގޮތަށް އާންމު އަދި އަމިއްލަ އިމާރާތްތަކަށް ވަދެ، އޭގެ ތެރެއިން ގިނަ އިމާރާތްތަކެއްގައި ރޯކޮށްލައިފަ އެވެ.
މި ހަފުތާގެ މުޒާހަރާތަކުގައި 11 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި 2500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރޭގައި އިމްރާންގެ ޕީޓީއައިގެ އިސް ވެރިން ވެސް ހިމެނެ އެވެ.
އަމާންކަން ގާއިމުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ޕަންޖާބާއި ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި ވެސް އަސްކަރިއްޔާ ހަރަކާތްތެރިކުރުވާފައެވެ.
އިމްރާން ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްގެ ސަރުކާރުން އިއްޔެ ވަނީ އިސްލާމްއާބާދު ކޯޓުން އިމްރާން އަށް ލުޔެއް ދީފިނަމަ އިމްރާން އަލުން ހައްޔަރު ކުރާނެ ކަމަށް ވައުދުވެފަ އެވެ.



