މަޑަވެލި ނަރުދަމާގެ މަސައްކަތް ކުރާ ކުންފުނީގެ މުދަލަށް ގެއްލުންދިން މައްސަލަ ބަލަނީ

ގދ މަޑަވެލި ނަރުދަމާގެ މަސައްކަތް ކުރާ ކުންފުނީގެ މުދަލަށް ގެއްލުންދިން މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ގދ މަޑަވެލީގެ ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ އެސްޖީ ކޮންސްޓްރަކްޝަންގެ މުދަލަށް ބަޔަކު ގެއްލުން ތަކެއް ދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ "ގާފު"  އަށް ކަށަވަރުކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ގާފު" އަށް މައުލޫމާތު ދީފައިވާގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ ފެބްރުއަރީ 16 ވަނަ ދުވަހު ހެނދުނު 09:00 ގައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަން ފުލުހުން ވަނީ ވިދާޅުވެފައެވެ.

" ގާފު " އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޑަވެލީގެ ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަ އެސްޖީ ކޮންސްޓްރަކްޝަންގެ މަގު ކޮންނަ އެކްސްކަވޭޓަރުގެ ހައިޑްރޯލިކް ހޮޮޅިއެއް ވަނީ ބުރިކޮށްލާފައިއެވެ. އަދި އިލެކްޓްރިކަލް ވައިރުތަކެއްގެ ހާރނަސް ބުރިކޮށްލައި ވައިރުތައް ކޮށާލާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިކަން ކުއްވެރިކޮށް އެމްޑީޕީ މަޑަވެލި ކެންޕޭން އޮފީހުގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައި އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިފަދަ ނާތަހުޒީބު އަމަލުތައް ހިންގުމަކީ ޒިންމާދާރުކަން ކުޑަ އަދި ރައްވެހި ތަރައްގީ ލިބުމަށް ނޭދޭބަޔަކު ކުރާނެ ދަށުދަރަޖައިގެ އަމަލެއް ގޮތުގައި ވަނީ ސިފަކޮށްފައިއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް