logoEN
WAMCO TOP 1
ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކޮށްދެއްވިކަމަށްޓަކައި މިނިސްޓަރ ނަސީމްގެ ޝުކުރު ރައީސަށް

ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކޮށްދެއްވިކަމަށްޓަކައި މިނިސްޓަރ ނަސީމްގެ ޝުކުރު ރައީސަށް

އައިޝަތު އިފާޝާ

logo

4/30/2023, 12:50:50 PM

Minister Naseem

ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކޮށްދެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.

THE TRAVELLER AD

މިއަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވި ގޮތަށް، މިއަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މުސާރައަށް އައި ބަދަލުތަކާ ގުޅޭ ތަފްސީލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މިއަދު ވަނީ އިއުލާނުކޮށްފައެވެ.

ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ހެލްތު މިނިސްޓަރ ނަސީމް ވަނީ، ދާއިރާގެ ޚިދުމަތްތެރިންގެ އުޖޫރައަށް ގެނެސްދެއްވި ހެޔޮބަދަލާއި ކުރިމަގު ތަނަވަސް ކޮށްދެއްވިކަމަށްޓަކައި އެ ޚިދުމަތްތެރިންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިިޙް އަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވާފައެވެ.

މުސާރައިގެ ތަފްސީލްތައް ހާމަކޮށްދެއްވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާއެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20،459 ރުފިޔާކަމަށެވެ. ނަމަވެސް މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެކަމަށެވެ. އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާ އަށް މަތިކޮށްފައިވާނެކަމަށެވެ.

"މީގެ ކުރިން ސީނިއަރ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ. މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެ. އަދި މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައި. އިތުރު ގަޑީގެ އެލަވަންސާއެކު، މިދެންނެވި ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރަ މިއަށްވުރެވެސް އިތުރުވާނެ." ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަން ރައީސް ވަނީ ނިންމަވާފައެވެ.

"ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާ. މި ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ. މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެއް. ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ލިބެމުން ދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންނަށް މިބަދަލުގެ ހެޔޮ އަސަރުކުރާނެކަމަށެވެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

މުސާރަތަކަށް މިގެނައި ހެޔޮ ބަދަލުތަކުގެ އިތުރު ތަފްޞީލުތައް، ކަމާ ގުޅޭ ވަޒީރުން މިރޭގެ ވަގުތެއްގައި ރައްޔިތުންނާ ޙިއްޞާ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC