
ވަޒީފާ އަދާކުރާ މާޙައުލަކީ ރައްކާތެރި މާޙައުލެއް ނޫންކަން އަންގައިދޭ ނިޝާންތައް
1C74A196-486B-482E-8F0A-34DB2CCFDC57

ވަޒީފާ އަދާކުރާ މުވައްޒަފުން، ހަފްތާ ބަންދަށްފަހު، މަދުން ނަމަވެސް ސަލާމް ބުނުމަކީ މިމުޖުތަމަޢުގައި އާންމުކަމެކެވެ. ހަމަ މިބީދައިން ވަޒީފާ އަދާކުރާ މާހައުލުގައި ފޫހިވެ، ވަޒީފާ އަދާކުރުމުގެ ޝައުޤުވެރިކަން ދަށްވާ ތަފާތު ކަންކަމާއި ކުރިމަތިވުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް މިއީ ކޮންމެދުވަހަކު ވަޒީފާ އަދާކުރާ މާހައުލުން ކުރިމަތިވާ ކަންކަމަށް ވެއްޖެނަމަ، މިއީ ވަޒީފާ އަދާކުރާ މާޙައުލު ރައްކާތެރި ނޫންކަމުގެ ފުރަތަމަ ނިޝާނެވެ. މިފަދަ ވަޒީފާގެ މާޙައުލުން ބޯހާސްކަން ފަތުރައެވެ. މުވައްޒަފުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްކުރުވައި، މަސައްކަތުގެ މުރާލިކަން ދަށްކުރުވައި، އެކަކު އަނެކަކާއި އޮންނަ ގުޅުން ކުޑަވެ، ރުޅިވެރިކަން ފަތުރައެވެ. މިފަދަ ކަންކަން ވަޒީފާގެ މާޙައުލުގައި ކުރިމަތިލާންޖެހުމުގެ ނަތީއްޖާއެއްގެ ގޮތުން އަމިއްލަ ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރައި، ނަފްސާނީ ދުޅަހެޔުކަން ދަށްވެގެން ދެއެވެ. މިފަދަ ނިޝާނެއް ފެންނަ ނަމަ މިއީ ވަޒީފާ އަދާކުރާ މާޙައުލު ތިބާއަށް ރައްކާރި ނޫންކަން އަންގައިދޭ ސިގްނަލެކެވެ.
ކުރެވޭ މުޢާމަލާތްތަކީ ވަޒީފާގެ މާޙައުލުގައި އެންމެ އިސްކަން ދޭންޖެހޭ އެއްބައެވެ. ވަޒީފާއަދާކުރާ މާޙައުލަކީ ހަޤީޤަތާއި ޚިލާފު ތަފާތު ވާހަކަތަކާއި ފިތުނަ ފަތުރާ މާޙައުލަކަށް ބަދަލުވެއްޖެނަމަ، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުންކުޑަވެ، އުފެއްދެންތެރިކަން ދަށްވެ، ދޭދޭ މުވައްޒަފުންގެ ދެމެދުގައި ތަފާތު ޚިޔާލުތަފާތުވުންތައް އުފެދި، ޒުވާބުކުރުންތައް ގިނަވެ، ރުޅި އިސްކުރެވޭ ޙާލަތްތައް ކުރިމަތި ކުރުވައެވެ.
މަސައްކަތުގެ މާޙައުލުގައި އެހީތެރިކަން ފޯރުކޮށްދޭނެ ރައްޓެހިން ތިބުމަކީ މަސައްކަތް ލިބިގެންދާނެ އިތުރު އެހީއެއް ނުވަތަ ބާރަކަށް ވެގެންދެއެވެ. ނަމަވެސް މަސައްކަތް ކުރާ މާޙައުލުގައި މުވައްޒަފުންގެ ކުދި ކުދި ގްރޫޕްތައް އުފެދި، ޓީން އޭޖް ކުދިންހެން އެއްގްރޫޕް އަނެއް ގްރޫޕަށް ގަނާކޮށް، ޖެއްސުންކޮށް ހެދުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިފަދަ ކުދި ގްރޫޕްތައް އުފެދި އެއްބަޔަކު އަނެއްބަޔެއްގެ ގޯސް ވާހަކަ ދައްކައި، ނެތި މޮށުން އިތުރުވުމަކީ ވަޒީފާ އަދާކުރާ މާޙައުލު ރަނގަޅު ނޫންކަން އަދި ރައްކާތެރި ނޫންކަން އަންގައިދޭ ނިޝާނެކެވެ.
ހަރުދަނާކަމެއްނެތް، ހިންގުމުގެ ހުނަރު ނެތް ވެރިއެއްގެ ދަށުން މަސައްކަތް ކުރުމަކީ ގިނަ މުވައްޒަފުންނަށް ފަސޭހަ ކަމެއް ނޫނެވެ. ތިމާގެ މޮޅުކަން ދައްކައި، ހުރިހާކަމެއް ދަންނަ ރޯނު އެދުރުންނަށް މިފަދަ ވެރިން ހެދިގެން އުޅެއެވެ. މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ބަދަލުގައި، މުވައްޒަފުންގެ ކުށް ހޯދަން ތިބޭ ބަޔަކަށް މިމީހުން ވެއެވެ. ވެރިޔަކަށް ވަނީ އަމުރުވެރިކަން ދައްކައި، މުވައްޒަފުންނަށް ބަވައި ހެދުމުންކަމަށް މިފަދަ ވެރިން ދެކެއެވެ. މިފަދަ ވެރިންގެ ދަށުން މަސައްކަތްކުރުން ވަނީ ގިނަ މުވައްޒަފުންނަށް ދަތި އުދަގޫ ކަމަކަށެވެ. އަދި ވެރިޔާގެ މިފަދަ އަމަލުތަކުގެ ސަބަބުން މުވައްޒަފުން، ވަޒީފާ ދޫކުރާ ފަހަރު ވެސް އާދެއެވެ. ވަޒީފާގެ މާޙައުލުން މުވައްޒަފުގެ މަސައްކަތުގެ ވަޒަންކުރުމުގެ ބަދަލުގައި، ފާޑުކިޔައި، އަބަދުވެސް މުވައްޒަފު ގޯސްކަން ދަށްކަން މިފަދަ ވެރިންގެ ލީޑަރޝިޕްގައި މަސައްކަތް ކުރެއެވެ. މުވައްޒަފުންނަށް އިޙްތިރާމް ކުރުމެއް މިފަދަ ވަޒީފާގެ މާޙައުލުން ނުފެންނާނެއެވެ.
އެކީގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަކީ ވަޒީފާގައި ކުރަންޖެހޭ މަސައްކަތް ނުދަންނަ، ވަޒީފާއަށް ފަރުވާ ކުޑަ، މަސައްކަތް ވަގުތަށް ނިންމުމަށް އިސްކަން ނުދޭ މުވައްޒަފުންތަކަކަށް ވެއްޖެނަމަ، އެމުވައްޒަފުންގެ މަސައްކަތް ތިމާ ކުރަންޖެހޭތަން ގިނަފަހަރު ކުރިމަތިވެއެވެ. އެހެން މުވައްޒަފުންގެ ޒިންމާތައް އިތުރު ބުރައެއްގެ ގޮތުގައި ތިމާ ނަގަންޖެހުމަކީ، މަސައްކަތުގެ ޝައުޤުވެރިކަން ކުޑަވެ، ފޫހިކަން ކުރިމަތިކުރުވާ ކަމެކެވެ. މިފަދަ ސަބަބުތަކާހުރެ، މުވައްޒަފުގެ މަސައްކަތުގެ ގާބިލްކަން ދަށްވެ، މަސައްކަތުގެ ފެންވަރު ދަށްކޮއްލައެވެ.
ރަނގަޅު މަސައްކަތުގެ މާޙައުލެއްގައި މުވައްޒަފުންނަށް ފަހި ފުރުޞަތުތަކެއް ހުޅުވިފައި ވާނެއެވެ. މަސައްކަތަށް ބޭނުންވާ އަމަލީ ތަމްރީން ފޯރުކޮށް ދިނުމުގެ އިތުރުން، ރަނގަޅު ވެރިއެއްގެ އެހީތެރިކަމާއެކު، މުޢާމަލާތްކުރުމުގެ ހުނަރާއި، މަސައްކަތުގެ ފެންވަރު އިތުރުކުރުމަށް ބާރު އަޅައި ހަރުދަނާ ޒިންމާދާރު މުވައްޒަފުން ބިނާކުރުމަށް އިސްކަން ދޭނެއެވެ. ނަމަވެސް ތިބާ ވަޒީފާ އަދާކުރާ މާޙައުލަކީ މިފަދަ އެއްވެސް ފުރުޞަތެއް ހުޅުވިފައި ނެތް މާޙައުލެއްނަމަ، ތިބާ އަމިއްލަޔަށް ތަރައްޤީވެ، ހަރުދަނާ، ޒިންމާދާރު މުވައްޒަފަކަށް ވުމަށް ފުރުޞަތު ހަނިވެގެން ދެއެވެ. މިފަދަ ޙާލަތްތަކުގައި، މަސައްކަތުގެ ފެންވަރު އެއްމިނެއްގައި ހިފެހެއްޓި، ވަޒީފާގެ ކުރިއެރުމުގެ ހުރިހާ ދޮރެއް ބަންދުވެ، ތާށިވެފައިވާ މީހެއްގެ ގޮތުގައި މުވައްޒަފު ހުންނަން ޖެހެއެވެ.
ރަސްމީ ބަންދު ދުވަސްތަކުގައި އޮފީސް މަސައްކަތް ކުރަންޖެހޭ ހެއްޔެވެ؟. މިއީ ވަޒީފާތަކުގައި އުޅޭ ވަރަށް ގިނަ މީހުންނަށް ދިމާވެފައިވާ ގޮންޖެހުމެކެވެ. ރަސްމީ ބަންދު ދުވަސްތަކުގައި ނުވަތަ އޮފް ދުވަހުގައި އާއިލާއަށް ވަގުތު ނުދެވުމަކީ މަދުންނަމަވެސް ވަޒީފާ އަދާކުރާފަރާތްތަކަށް ތަޙައްމަލުކުރަން ޖެހިފައިވާ އުދަގުލެކެވެ. ރަސްމީ ބަންދު ދުވަހާއި، އޮފް ދުވަސްތަކުގައި އޮފީސް މަސައްކަތަށް ނޫނެކޭ ނުބުނެވިގެން އާއިލީ ބައްދަލުވުންތަކާއި، އާއިލާ އެއްކޮށް ފާހަގަކުރެވޭ އުފާވެރިކަމުގެ އެއްވުންތައް ދޫކޮށްލަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އާއިލީ ދިރިއުޅުމާއި، މަސައްކަތް ވަކިކުރާ އިމެއް އޮންނަން ޖެހެއެވެ. މިފަދަ އިމެއް ހިފެހެއްޓުމަށް ވަޒީފާ އަދާކުރާ އޮފީހުން ފުރުޞަތު ނުދޭނަމަ، މިއީ ތިބާ އަމިއްލައަށް އެ އިން ވަކި ކުރަންޖެހޭ ވަގުތެވެ.