އަލަށް މުވައްޒަފަކު އޮފީހާއި ގުޅުމުން، ފުރަތަމަ ލިބޭ މުސާރައިން، އެއްކޮށް މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ކާންދިއުން ނުވަތަ ސަޔެއް ދިނުން މިއީ ދިވެހި ސަޤާފަތުގައި އޮތްކަމެއްކަން 25 ޖޫން 1972ގައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުން ސާފުވެއެވެ. މިއީ ރައިސުލް ޖުމްހޫރިއްޔާ އަލްމަރްޙޫމް އިބްރާހިމް ނާސިރުގެ ޒަޢާމަތުގައި، ދިވެހި ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފެނިފައިވާ އެދުވަސްވަރުގެ ތާރީޚީ އަތުލިޔުމެއްގެ ފޮޓޯއަކުން ސާފުވެގެންދެއެވެ. މިފަދަ ރަސްމީ ސިފައެއްގައި މިކަން ހުއްޓުވުމަށް ރައީސް އެދިވަޑައިގެންފައިވަނީ އަލަށް ސަރުކާރުގެ އިދާރާތަކާ ގުޅޭ މުވައްޒަފުން އަތުން ސައި އަދި ކެއުން ފަދަތަކެތި ހޯދުން ޤައުމީ މައްސަލައަކަށް ވެފައިވާތީކަމަށް ބެލެވެއެވެ.
މިޒަމާނަށް ބެލިކަމުގައި ވިޔަސް، މިއާދަ އަދި ސަޤާފަތް އަހަރެމެން ދިވެހިންގެ ތެރޭގައި ފިލައިގެން ނުގޮސް ހަރުލާފައި އެބަހުރިކަން ފާހަގަކުރެވެއެވެ. ވަޒިފާ ސައި، ޒަމާނީ ކުދިންގެ ބަހުރުވައިން ނަމަ "ޖޮޕް ޓްރީޓް" ކޮންމެހެންވެސް ދޭންޖެހެއެވެ. މިސައިން ނުވަތަ ކެއުމުން ވަރަށް ނަސީބު ރަނގަޅު މުވައްޒަފަކު ނޫނީ ސަލާމަތް ނުވެއެވެ. ވަޒީފާގެ ސައި، ދުވަސްވީ މުވައްޒަފުންގެ ތެރެއިން މުސާރައިގެ ކުރިއެރުން ލިބުމުގެ ސައި، އަލަށް މީހަކާ އިނުމުގެ ސައި، އަލަށް ދަރިޔަކު ލިބުމުގެ ސައި، އުފަންދުވަހުގެ ސައި، އެނިވާސަރީ ސައި ފަދަ ސައިތަކަށް ނިމުމެއް ނެތެވެ.
ތިމާއަށް ލިބޭ އުފަލުގައި އެހެން މީހުން ބައިވެރިކުރުވުމަކީ ވަރަށް ރަނގަޅު އާދައެކެވެ. ޚާއްސަކޮށް އެކުގައި އެއް އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެއް އާއިލާއެއް ފަދަ ބަޔެކެވެ. ނަމަވެސް މިފަދަ އުފާތައް ނުވަތަ މުނާސަބަތުތައް ފާހަގަކުރުމަށް ބޮޑެތި ޚަރަދުކޮށް އަގުބޮޑެތި ރެސްޓޯރަންޓްތަކަށް ގޮސް ބުރަ މަސައްކަތުން ހޯދާ ފައިސާ އިސްރާފުކޮށްލުން އެއީ އެންމެ ބުއްދިވެރި ގޮތްތޯ ވިސްނާލުން މުހިންމެވެ. ހުރިހާ އޮފީސް އެކުވެރިން ގޮވައިގެން ގެއަށް ގޮސް، ކެއުމެއް ނުވަތަ ސަޔެއް ދިނުން ކިހިނެއްވާނެ ހެއްޔެވެ؟ އެކުވެރިކަމުގެ ގުޅުން ބަދަހިވެފައި، ޖީބަށް ވެސް ލުޔެއް ލިބިގެންދާނެއެވެ.
70ގެ އަހަރުތަކުގައިވެސް، މިފަދަ ޢަމަލުތައް، ރަސްމީ ހައިސިއްޔަތުން ހުއްޓުވުމުގެ ފަހަތުގައިވެސް، މުވައްޒަފުންގެ ހައްޤުތައް ހިމާޔަތް ކުރުން، އިޤްތިޞޯދުކުރުމަށް މުވައްޒަފުންނަށް ހިތްވަރުދީ ބޭކާރު ޚަރަދުތައް މަދު ކުރުމަށް ބާރުއެޅުމަށް ވުން އެކަށީގެން ވެއެވެ.