
ގުރައިދޫ ދާއިރާގެ އިންތިޚާބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ރައްޔިތުން ތިއްބެވިކަން - ރައީސް
Prez Solih With Shaaz
ގުރައިދޫ ދާއިރާގެ އިންތިޚާބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ރައްޔިތުން ތިއްބެވިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީ ކެނޑިޑޭޓް އިބްރާހީމް ޝާޒަށް މަރުޚަބާ ދަންނަވަމުން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި އިންތިޚާބުން ހާމަވެގެން މިދިޔައީ ސަރުކާރާއެކު ގުރައިދޫ ދާއިރާގެ ރައްޔިތުން ތިއްބެވިކަން ކަމުގައެވެ.،
އަދި ފުރަމަތަ ފަހަރަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވުމަކީ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ރައީސް ސޯލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒު ކާމިޔާބުކުރެއްވީ، އިންތިޚާބުގައި ވޯޓުލީ މީހުންގެ %48.8 ވޯޓާއެކުއެވެ. އެއީ ޖުމްލަ 1346 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ކ. ގުރައިދޫ، ޝީވީޑް، ޙުސައިން ރިޟާ އާދަމަށެވެ. ރިޟާއަށް ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ.
މި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮށި ބެހެއްޓިއެވެ. އެގޮތުން ގުރައިދޫގައި 2 ވޯޓު ފޮށި، މާފުށީގައި 2 ވޯޓުފޮށި، ގުޅީގައި 1 ފޮށީގެ އިތުރުން އެދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ބެހެއްޓި 1 ވޯޓު ފޮއްޓެވެ.