ދިވެހި ލީގްގެ ޓީމުތަކުން ވެކްސިން ޖަހަން ފަށައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން ލީގުގެ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖަހަން ފަށައިފި އެވެ.

އެގޮތުން މިއަދު ޓީމް ތަކުގެ ގިނަ ކުޅުންތެރިންތަކެއް ދަނީ ވެކްސިނޭޝަން ފުރިހަމަ ކުރަމުންނެވެ. ވެކްސިން ޖެހި ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ ސްޓާރ ޕްލެޔަރ އަލީ އަޝްފާގްވެސް ހިމެނެއެވެ.

ޓީމުތަކުން ވެކްސިނޭޝަން ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މެދުކަނޑާލާފައިވާ ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމަށްޓަކައިއެވެ. އެގޮތުން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭމްގެ ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައިވަނީ މި ފުރުސަތު ތަނަވަސްކޮށްދެއްވީތީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާން ފެށުމާއި އެކު އެޗްޕީއޭ އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލީ މި މަހު ތިން ވަނަ ދުވަހު އެވެ. މި ފިޔަވަޅާއި އެކު ލީގުގައި ވާދަކުރާ ޓީމްތަކުންނާއި ޓީމްތަކުގެ ކުޅުންތެރިން އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި ދިވެހި ލީގަކީ އެޗްޕީއޭ އާއި އެފްއޭއެމް މަޝްވަރާކޮށްގެން ހެދި ހާއްސަ ގައިޑްލައިނެއްގެ ތެރެއިން ކުރިއަށްދާ މުބާތާތަކަށް ވީހިނދު އެ މުބާރާތް ކުރިއަށްގެންދަން ފުރުސަތު ދޭން ޓީމުތަކުން ވަނީ އެޗްޕީއޭ ކައިރިން އެދިފަ އެވެ.

އެހެން ނަމަވެސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވިދާޅުވިގޮތުގައި ލީގު އަލުން ފަށަން ހުއްދަ ދެވެން އަދި ނެތް ކަމަށާއި ގޮތެއް ނިންމާނީ ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

މިމައްސަލާގައި ޓީމުތަކުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ބައްދަލުކުރުމަށް ނިންމާފައިއެވެ. އެގޮތުން ރައީސް ކްލަބްތަކާ ބައްދަލުކުރަން ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެވެ.

ކޮމެންޓް

Leave a Reply

Your email address will not be published.

ގުޅުންހުރި ލިޔުންތައް