
ގާޒީ ފަރުހާދުގެ ސުލޫކީ މައްސަލައެއް ބަލާނެ ޖާގައެއް ނެތްކަމަށް ޖޭއެސްސީން ނިންމައިފި
JSC
ސިވިލްކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްކޮށް، ރިޝްވަތުނަގާކަމަށް ބުނެ އެކޯޓުގެ ޤާޒީ، ފަރުހާދު ރަޝީދުގެ ތުހުމަތުކުރި މައްސަލަ ބަލާނެ ޖާގައެއް ނެތްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތައް ލަސްކުރުމަށްޓަކައި މައްސަލައިގައި ޤާޟީ ފަރުހާދު ރަޝީދު ރިޝްވަތުގެ ގޮތުގައި އެކި މަންފާތައް ހޯދަމުން ގެންދާކަމަށާއި، މައްސަލަތަކުގެ ފައިލްތައް ކޯޓުން ބޭރަށް ގެންދާކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މީޑިއާގައި ދައުރުވި ޚަބަރުތަކުގައި ފަނޑިޔާރަށް ބޮޑެތި ތުހުތަމެއް ކޮށްފައިވުމާ ގުޅިގެންނާއި، މި މައްސަލަ ކޮމިޝަނަށް ހުށަހެޅުމާ ގުޅިގެން، މި މައްސަލަ އެކޮމިޝަނުން ބަލާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ މި މައްސަލަ ބެލި ބެލުމުގައި ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ފަނޑިޔާރަކު ކޮށްފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ޝަކުވާގެ އެއްވެސް ހެއްކެއް އަދި މި ޝަކުވާއަށް ބާރުދޭ އެއްވެސް ހޯދުމެއް ހޯދިފައިނުވާތީ، މި ޝަކުވާއަކީ ސައްޚަ ޝަކުވާއެއް ކަމަށް ކޮމިޝަނަށް ނުފެންނާތީ، ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލާނެ ޖާގައެއް ނެތްކަމަށް އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ސާބިތު ނުހިފޭ މިފަދަ ތުހުމަތުތައް މީޑިއާތަކުގައި ގެނެސްދިނުމުގައި ފަނޑިޔާރުގެ އިއްޒަތާއި އަބުރަށް އުނިކަމެއް ނާންނާނެހެން ޒިންމާ ދާރުކަމާއެކު ޚަބަރުތައް ގެނެސްދިނުމަށްވެސް އެ ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.



