
އަޅުގަނޑުގެ ދަރިފުޅުގެ ހޯމްވޯކް އެކޭ އީސީގެ މަސައްކަތެކޭ ވަނީ އެއްވަރު - ނަޝީދު
ނަޝީދު
އިލެކްޝަން ކޮމިޝަނުން ކުރަންވީ ކަމަކީ މިހާރު ދީފައި އޮތް ހޯމްވޯކް ނިންމުން ކަމަށާއި އަދި އެމަނިކުފާނުގެ ދަރިފުޅުގެ ހޯމްވޯކް އެކޭ އިލެކްޝަން ކޮމިޝަންގެ މަސައްކަތެކޭ ވަނީ އެއްވަރުކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު މަޖިލިސް ފަށަމުން އިލެކްޝަން ކޮމިޝަންގެ ސިޓީއެއް ލިބިފައިވާކަމަށް ފާހަގަ ކުރައްވަމުންނެވެ. އެގޮތުން ނަޝީދުގެ ދަރިފުޅުވެސް ހޯމްވޯކް ނުހަދަން ވެގެން މަސައްކަތް ކުރާ ގޮތާއި އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ގޮތާއި ވަނީ އެއްފަދަ ކުރައްވާފައެވެ.
"އަޅުގަނޑުގެ ދަރިފުޅުގެ ހޯމްވޯކް އެކޭ މިއެކޭ އެއްވަރެއް. އެވެސް ނުހެދޭން އޮތް އެތައް ގޮތެއް ދަރިފުޅު ކިޔައިދޭ އަޅުގަނޑު ގާތު. އަޅުގަނޑު އިލެކްޝަން ކޮމިޝަންއަށް ދަންނަވަން އޮތީ މިހާރު އެއޮތީ ހޯމްވޯކް ދީފާއޭ. ދެން އެ ނިންމައިގެން އަވަހަށް އަންނާށޭ. އެނޫން ގޮތެއް މިއަކު ނެތޭ. މި އިންތިހާބު މިއޮތް ދުވަހު އިރާދަކުރެއްވިއްޔާ އޮންނާނެ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބަދަލެއް ނުގެންނާނަން." - ރައީސް ނަޝީދު ދިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވި އިރު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތައް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހުރަސްތަކެއް ހުރިކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފު ވިދާޅުވެފައިވާ ގޮތުގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ ގޮތަށް އިންތިހާބު ބާއްވާ ނަމަ މިހާރު އޮތް ގޮތުން ހުރިހާ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ޖެހެއެވެ. އަދި ކަރަންޓީނު ފެސިލިޓީ ތަކާއި ޕޮޒިޓިވްވެފައި ތިބޭ މީހުންނަށް ވަކިން ވޯޓު ލެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ބޮޑު ހަރަދެެއް ހިނގާނެ ކަމެއް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިރު އިންތިހާބަށް 95 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.