ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލާގައި ޔާމީންގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރެ އެވެ.
އެ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އެންގީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެފަދަ އަމުރަކަށް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގަތުމުންނެވެ.
ޔާމީންގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި އަންގާފައިވަނީ އެ މައްސަލާގައި އެ ކޯޓުން ގޮތެއް ނިންމަންދެން ނުވަތަ އެހެން ގޮތެއް އަންގަންދެން ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދަން އަމުރުކުރާ ކަމަށެވެ.
ޔާމީންގެ މައްޗަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރަނީ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފައެވެ. ޔާމީންގެ އިތުރުން މި މައްސަލައިގައި މއ. ކުރިކީލަހިޔާ އަހުމަދު ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް ދައުވާކޮށްފައިވެއެވެ.