
big_sxu4u9odYhnW2DQ
އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެކެވެ. ޒުވާނަކަށް ސީރިއަސް އަނިޔާތަކެއްލިބި ހޮސްޕިޓަލްގައި ފަރުވާދެނީ އެވެ. މިފަހަރު ވެސް އެކްސިޑެންޓް ހިގަންމެދުވެރިވީ ހެދިފައިވާ ގަވާއިދުތަކަށް ބޯނުލެބުމުންނެވެ.

މަގުމަތީގެ ގަވާއިދުތައް ހެދިފައި ހުންނަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. ވީއިރު ގަވާއިދާ ހިލާފުވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު ނޭޅެންވީ ކީއްވެތޯއެވެ.
ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުމަތީގެ ތަފާތު އެކްސިޑެންޓްތަކުގައި 1.35 މިލިއަން މީހުން މަރުވެއެވެ. އަދި ތަފާތު ހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާރާއި ބަހާއި ސައިކަލާއި ބައިސްކަލާއި ޓްރަކް ނުވަތަ ހިނގާބިނގާވެ އުޅޭ މީހުން ޖެހި ހިނގާ އެކްސިޑެންޓްތަކުގައި ގާތްގަނޑަކަށް 3،700 މީހުން މަރުވެއެވެ.
އަދި މިފަދަ އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ދެ ފުރޮޅުުލީ އުޅަނދު ދުއްވާމީހުނެވެ. މީގެ އިތުރުން ދުނިޔޭގައި 8 ވަނައަށް އެންމެ ގިނަ މީހުން މަރުވަނީ ތަފާތު އެކްސިޑެންޓްތަކުގައި ލިބޭ އަނިޔާގެ ސަބަބުންނެވެ
އަދި ތަފާތު ހިސާބުތަކުން ދައްކާގޮތުގައި އުމުރުން 5-29 އަހަރާ ދެމެދުގެ ކުޑަކުދިންނާއި ޒުވާނުން މަރުވާ އެންމެ ބޮޑު ސަބަބަކީ ވެސް އެކްސިޑެންޓުގެ ލިބޭ އެކިއެކި ޒަހަމްތަކެވެ.
ރާއްޖޭގައި ވެސް މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓު ހިނގުމަކީ އާންމުކަމެކެވެ. ހާއްސަކޮށް ތޮއްޖެހިފައިވާ ވެރިރަށް މާލޭގައި، ހާއްސަކޮށް ސިނަމާލެ ބްރިޖް އެޅިފަހުން މި އަދަދު ވަނީ އެތައްގުނައެއް އިތުރުވެފައެވެ.
މައްސަލައަކީ ބްރިޖެއް ނޫނެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ހެދިފައި ހުންނަ ގަވާއިދުތަކަށް އަމަލު ނުކުރެވެނީ އެވެ. ބާރު ސްޕީޑުގައި ދުއްވާ މީހުންނާއި ޓްރެފިކު ލައިޓަށް ބެލުމެއްނެތި ދުއްވާ މީހުނާއި މެދު އެކަށީގެންވާ ފިޔަވަޅު ނޭޅެނީއެވެ.
ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން ނޫނީ އެފަދަ އަމަލުތަކަކީ އެހާ ސީރިއަސް ކަމަކަށް ނުވަނީ އެވެ. މިކަމަކީ ގާނޫނު ތަންފީޒުކުރަން ތިބޭ ފަރާތަކަށް އެކަނި ހައްލު ކުރެވޭނެ މައްސަލައެއް ނޫނެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަން އެބަޖެހެއެވެ. ތިމާ ނުވަތަ ތިމާގެ އާއިލާގެ މީހަކަށް ދެރައެއް ލިބުމުގެ ކުރިން ސަމާލުވާން ވެއްޖެއެވެ. ސްކޫލް ތަކާއި ކުލަބު ޖަމްއިއްޔާތަކުން ޒުވާނުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުން އިތުރު ކުރަންވީއެވެ. ގާނޫނު ނަގަހައްޓައި ތަންފީޒުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތްތަކުން އެބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރަންވީއެވެ.
ރާއްޖޭގެ މަގުތަކަކީ ރައްކާތެރި އަމާން މަގުތަކަކަށް ހެދޭނީ ވަކި މީހަކު އިސްތިސްނާ ވުމެއްނެތި އެންމެ ވެސް ހެދިފައިވާ ގަވާއިދުތަކަށް އަމަލު ކޮށްގެންނެވެ.