
ފްލައިޓް ތެރެއަށް ގެއްލުނު އެއާޕޮޑް ފެނުނީ އެއާޕޯޓް މުވައްޒަފެއްގެ ގެއިން!
maxresdefault
އާއްމު ދަތުރުފަތުރުކުރުމުގައި ގިނަ މީހުންގެ އަތުން އަގުބޮޑު މުދާތައް ހަނދާންނެތިގެން ދޫކޮށްލެވުމަކީ މަދުން ނަމަވެސް ހިނގާ ކަންކަމެވެ. ގެއްލުމަށް ފަހު އެ އެއްޗެއް އަނބުރާ ހޯދުން ވަނީ ނުހަނު އުދަނގޫ ކަމަކަށެވެ.

ނަމަވެސް ޓެކްނޮލޮޖީގެ ގޮތުން މިހާ ކުރިއަރާފައިވާ އިރު، އެފަދަ ބައެއް އަގުހުރި އެއްޗެހި ހޯދުމަކީ މިހާރު އެހާ އުދަނގޫ ކަމަކަށް ނުވެއެވެ. ދާދި ފަހުން އެމެރިކާގެ ވޮޝިންގޓަން ޑީސީ ގެ އަންހެނެއްގެ އަތުން ފްލައިޓެއްގެ ތެރެއަށް ގެއްލުނު އެޕަލް އެއާޕޮޑް ހޯދީ އެއާޕޯޓް މުވައްޒަފެއްގެ ގެއިންނެވެ.
އެމެރިކާގެ ރައްޔިތެއްކަމަށްވާ އެލިޒަބަތު ހޭޑެން މިމަހު ކުރީކޮޅުގައި ޖަޕާންގެ ޓޯކްޔޯއަށް ކުރި ދަތުރަށްފަހު އެނބުރި ގައުމަށް ދަތުރުކުރި ފްލައިޓްތެރެއަށް ދޫކޮށްލެވުނީ އެނާ ލާ ޖެކެޓެވެ. ޓޯކްޔޯއިން ސެންފްރެންސިސްކޯއަށް ދަތުރުކުރި ފްލައިޓުން ފޭބުމުގެ ކުރިން އޭނާއަށް އެ ޖެކެޓް މަތިން ހަނދާންވި ނަމަވެސް ފްލައިޓް އެޓެންޑެންޓުން އޭނާ އަމިއްލައަށް ޖެކެޓް ބަލާދިއުމަށް އުޒުރުވެރިވިއެވެ. އޭގެ ބަދަލުގައި އެޓެންޑެންޓުން ވަނީ އެ ޖެކެޓް އޭނާއާ ހަވާލުކޮށްފައެވެ. އެއީ ޓްރާންސިޓް ދަތުރެއް ކަމުން އަނެއް ފްލައިޓަށް އަވަހަށް ޗެކިން ވުމަށް ހޭޑެން އަވަސްވެގަތީ ޖެކެޓްގައި އެއާޕޮޑް އޮތްތޯ ޗެކްކުރުމެއް ނެތި އެވެ.
ދެވަނަ ފްލައިޓަށް އަރައި ފްލައިޓް ނައްޓާލިފަހުން އެއާޕޮޑް ބޭނުންވެގެން ހޯދިއިރު އެ ނުފެނުމުން އިންފްލައިޓް- ވައިފައި ބޭނުންކޮށްގެން ހޭޑެން އަވަސްވެގަތީ "ފައިންޑް މައި" އެޕްލިކޭޝަން މެދުވެރިކޮށް އެ އެއާޕޮޑް ހޯދުމަށެވެ. އެޕްލިކޭޝަން މެދުވެރިކޮށް އެއާޕޮޑް ލޮކޭޓްކުރިއިރު ސެންފްރެންސިސްކޯ އެއާޕޯޓުގެ އެކި ސަރަހައްދުތަކަށް އެއާޕޮޑްގެ ލޮކޭޝަން ވަނީ ދައްކާފައެވެ. އެއަށް ފަހު ހައިވޭއިން ގޮސް ބޭ އޭރިއާގެ ގެއަކުން އެ އެއާޕޮޑް ފެންނަ ކަމަށް އެޕްލިކޭޝަނުން ވަނީ ދައްކާފައެވެ.
އެއާއެކު ހޭޑެން ވަނީ އެއާޕޮޑް ގެއްލުނު ކަމަށް ރިޕޯޓްކޮށް ފުލުހުން މެދުވެރިކޮށް އެ ގެ ލޮކޭޓްކޮށްފައެވެ. ފުލުހުން ބެލި ބެލުމުން އެމީހާއަކީ އެ އެއާލައިންނަށް ކާއެއްޗެހި އެރުވުމުގައި މަސައްކަތްކުރި މުވައްޒަފެކެވެ. އޭނާ ބުނެފައިވާގޮތުގައި އޭނާ އަށް އެ އެއާޕޮޑް ދިނީ ސާފުކުރާ މުވައްޒަފެކެވެ. ގެއްލުނުތާ 12 ދުވަސްފަހުން ހޭޑެން އަށް އޭނާ ގެ އެއާޕޮޑް ލިބުނު ނަމަވެސް އޭގެ ހާލަތު ވަރަށް ދަށްކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ހޭޑެންގެ އެއާޕޮޑް ގެއްލުނު "ޔުނައިޓެޑް އެއާލައިން" އިން ވަނީ ބަދަލުގެ ގޮތުގައި އާ އެއާޕޮޑެއް ގަތުމަށް 271 ޑޮލަރު ހޭޑެން އަށް ދީފައެވެ. އަދި މާފަށް އެދުމުގެ ގޮތުން އެ އެއާލައިނުން ވަނީ 5،000 މޭލު ހިލޭ ދަތުރު ހޭޑެން އަށް ދީފައެވެ.