
file_n9msbm
މެދު އެމެރިކާގެ ގައުމެއް ކަމަށްވާ ހޮންޑިއުރަސް އިން ޓައިވާނާ އެކު އޮތް ޒަމާންވީ ގުޅުން ކަނޑާލައި، ޗައިނާއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފި އެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބަޔެކެވެ. އެކަމަކު ޓައިވާނުން އަންނަނީ އެގައުމަކީ މިނިވަން ގައުމެއްކަމަށް ބުނަމުންނެވެ. ޗައިނާގެ ބަޔެއްގެ ގޮތުގައި ޓައިވާން ބޭއްވުމަށް އަސްކަރީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ ޗައިނާއިން އެކަން ކުރާނެ ކަމަށް އެނެލިސްޓުން ދެކެ އެވެ.
ހޮންޑިއުރަސް އިން ޓައިވާނާއެކު އޮތް ޒަމާންވީ ގުޅުން ކަނޑާލާފައިވަނީ، މިދިޔަ އަހަރާއި މިއަހަރު ކުރީކޮޅުގައި ޗައިނާގެ އަސްކަރީ ތަމްރީނުތަކެއް ޓައިވާންގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ޓައިވާނަށް ބިރުދެއްކުމުގެ ގޮތުން ކަމަށް އެކި މަސްދަރުތަކުން ވަނީ ހާމަކޮށްފައެވެ.
ޓައިވާނާ އެކު ރަސްމީކޮށް ސިޔާސީ ގުޅުން ބާއްވަނީ މިހާރު 13 ގައުމަކުންނެވެ.