
Amru
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން، އެސްޓީއޯގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ހުސެއިން އަމްރު ވަކިކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ އެސްޓީއޯގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އަމްރު ވަކިކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީއަށް ފޮނުވާފައިވާކަމަށެވެ.
ރައީސް އޮފީހުން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށާއި އަމްރު މަޤާމުން ވަކިކުރަން ނިންމާފައިވަނީ އެފަދަ ބަދަލެއްގެ ތެރެއިންކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީތެރެއިން ފެށިގެން އަމްރު މަސައްކަތް ކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމާއި އެކުގައެވެ.
އެގޮތުން ފިކުރެއްގެ ދިރުން ތަމްސީލް ކުރާ މަންދޫބެއްގެ ގޮތުން އަމުރު ވަނީ ދާދިފަހުން ޖޭޕީއާއި އެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތަކުގައި ބައިވެރިވެފައެވެ.
އެސްޓީއޯގެ އެމްޑީ ކަމުގެ މަގާމުން އަމްރު ވަކިކުރަން ރައީސް ނިންމެވިއިރު، ދެން އެ މަގާމަށް އައްޔަންކުރައްވާނެ ބޭފުޅެއް އަދި ހާމަކޮށްފައެއް ނުވެއެވެ.