ރިޔާސީ އިންތިޚާބު މޮނިޓަރ ކުރަން ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފި

ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް މޮނިޓަރ ކުރަން ޝައުގުވެރިވާ ބޭރުގެ އޮބްޒާވަރުންނަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު މޮނިޓަރކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވާން ބޭނުންވާ ބޭރުގެ ފަރާތްތަކަކީ އެމީހަކު ތަމްސީލްކުރާ މީޑިއާއެއް ނުވަތަ ޖަމްއިއްޔާއަކުން އެކްރެޑިޓް ކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އެއީ 18 އަހަރު ފުރި އެއްވެސް ކެނޑިޑޭޓަކަށް އަދި ޕާޓީއަކަށް ކެމްޕެއިން ކުރާ މީހަކަށް ވެގެން ނުވާނެކަމަށްވެސް އިލެކްޝަސް ކޮމިޝަނުން ވިދާޅުވެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އިންތިޚާބަށް އިލެކްޝަނުން ތައްޔާރީތައް ވަމުންދާއިރު، އިންތިޚާބުގެ މައި މަރުކަޒަކަށް ހަމަ ޖައްސާފައިވަނީ ދަރުބާރުގެއެވެ. ރިޔާސީ އިންތިޚާބުގައި 280،000 މީހުންނަށް ވޯޓުމުގެ ހައްގު ލިބިފައިވެއެވެ. މިއިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބެއެވެ. މިފަހަރުގެ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ 5600 އޮފިޝަލުން ހޯދަންވެސް އިއުލާންކޮށްފައެވެ. އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުމަށް އެކޮމިޝަނުންވަނީ ހުޅުވާލާފައެވެ. އަދި ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް