މަޑަވެލި ހޯނޑެއްދޫ ބްރިޖްތަކުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

މަޑަވެލި ހޯނޑެއްދޫ ބްރިޖްގެ މަސައްކަތް ފެށިގެން ކުރިއަށްދަނީ -- ފޮޓޯ: މުއާޒް/ ފޭސްބުކް

ގދ މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް ތަރައްގީކުރާ ޒަމާނީ ބްރިޖްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަޑަވެއްޔާއި ހޯނޑެއްދޫގެ ރައްޔިތުންގެ ޒަމާންވީ އުއްމީދު ހަގީގަތަކަށް ހެދުމަށް، އެ ދެރަށް ގުޅާލުމުގެ އާ ޕްލޭން އެކުލަވާލާ މަސައްކަތްތައް ފެށީ މިދިޔަ އަހަރުއެވެ. ކުރިން އެޅި ކޯޒްވޭ މުޅިން ނަގާ، ރަށްތައް ގުޅާލުމަށް ބްރިޖްތަކެއް ހެދުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢާއެކު އެ ދެރަށާއި އެއްފަޅެއްގައި އޮންނަ ދެ ފަޅުރަށް، ކަންނިގިލާ އާއި ހާދޫވެސް ގުޅާލުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މީގެ ސައިޓް މަސައްކަތްތައް ވަނީ ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްގެންދިޔައީ މަޑަވެއްޔާއި ހޯނޑެއްދޫ އަދި، ދެ ފަޅުރަށުގެ ކޯޒްވޭއަށް ބޭނުންވާ މަގުތައް ސާފުކުރުމުގެ މަސައްކަތެވެ.

އަދި މިދިޔަ ބުދަ ދުވަހު މިވަނީ ރަށްތައް ދެމެދުގައި އަޅާ ބްރިޖްތަކުގެ ޢަމަލީ މަސައްކަތް ފަށާފައެވެ. އެންމެ ފުރަތަމަ ފަށާފައިމިވަނީ ހޯނޑެއްދުއާއި ކަންނިގިއްލާ އާއި ދެމެދުގައި އަޅާ ބްރިޖްގެ ފައުންޑޭޝަންގެ މަސައްކަތެވެ. މި ބްރިޖްގެ ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. ބްރިޖްތައް ތަރައްޤީކުރަނީ ހެވީ ވެހިކަލް ދުއްވުމަށްވެސް ބޭނުންކުރެވޭ ފެންވަރަށެވެ.

މި މަޝްރޫޢުގެ ދަށުން 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ބްރިޖުގެ 2544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުން ހިމެނެއެވެ. އަދި 4596 އަކަ މީޓަރުގެ ސަރަޙައްދުގައި ތާރު އަޅާ، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ކުރެހުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. މުޅި މި މަޝްރޫޢަށް 84.17 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

ކޮމެންޓް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް