
އައްޑޫސިޓީގައި 1500 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ އިސްލާމީ މަރުކަޒެއް ބިނާކުރަނީ
287308_f25770ec-a_
އައްޑޫސިޓީގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކާ އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އައްޑޫސިޓީގެ އިސްލާމީ މަރުކަޒު ތަރައްޤީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މަސައްކަތުގެ ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ރާއްޖެ ތަރައްޤީކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވަރަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާ ކަމަށާއި، ރާއްޖެއަށް އަންނަ ތަރައްޤީ ދީނީ ޢިމާރާތްތަކުން ފެނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު އިމާރާތްކުރެވޭ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ ޑިޒައިނަށް އައިސްފައިވާ ބަދަލު މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ މާލެއިން ބޭރުގައި އެއްވެސް ޕްރޮޖެކްޓެއް ބަޔަކާ ހަވާލުކުރުމަށް މިހާތަނަށް ސޮއިކުރެވިފައިނުވާކަމަށާއި އެހެންނަމަވެސް އައްޑޫ ސިޓީގެ އިސްލާމީ މަރުކަޒު ގާއިމްކުރުމަށްޓަކައި މިފަދަ އެއްބަސްވުމެއް މިވެވުނީ ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ.
އައްޑޫސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމްވެގެން ދިއުމަކީ އެ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން އުންމީދަކީ އެއްބަސްވުމުގައި ވާގޮތަށް ކޮންޓްރެކްޓަރ މި މަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ މުައްދަތުގައި ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
2 ފަންގިފިލާ ހިމެނޭ މި ޢިމާރާތުގައި 1500 މީހުންގެ ޖާގައިގެ ނަމާދުކުރާ ބަޔަކާއި، 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 4 ކްލާސްރޫމާއި، 2 ސެމިނަރ ރޫމްގެ އިތުރުން އިދާރީ އޮފީހަކާއި، އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ ހިމެނޭނެއެވެ. މި މަޝްރޫޢު ފީޑޯއާއި ޙަވާލުކޮށްފައިވަނީ އެއް އަހަރާއި ދެމަސް ދުވަހުން މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.