logoEN
ކޮކާކޯލާ
އެމެރިކާއިން ސީރިޔާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފި

އެމެރިކާއިން ސީރިޔާއަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފި

އައިޝަތު އިފާޝާ

logo

3/24/2023, 1:33:41 PM

00_020223_SyriaCW_01_STK_MehmetAliPoyraz_04

ސީރިޔާގައި ހަރަކާތްތެރިވާ އީރާނުގެ ސިފައިންނަށް އަމާޒުކޮށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

އަބުޅޯ

މިއީ، ސީރިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން ދީފައިވާ ވައިގެ ހަމަލާތަކެއް ކަމުގައި އެމެރިކާގެ ދިފާޢީ އިދާރާ ޕެންޓެގަންއިން ހާމަކުރެއެވެ.

ސީރިޔާގެ އިރުއުތުރުގައިވާ ހަސާކާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެ، ހަ މީހުން ޒަޚަމުވިއެވެ. މަރުވީ، އެމެރިކާގެ އަސްކަރިއްޔާގެ ކޮންޓްރެކްޓަރެކެވެ. ޒަޚަމުވި މީހުންގެ ތެރޭގައި އެމެރިކާގެ ފަސް ސިފައިން ހިމެނެއެވެ. އެ މީހުންނަށް ހަމަލާދީފައި ވަނީ އީރާނުގައި އުފައްދާ ޑްރޯންއެއް ބޭނުންކޮށްގެން ކަމުގައި ޕެންޓެގަންއިން ބުނެއެވެ.

އެމެރިކާ ސިފައިންނަށް ހަމަލާދިނުމަށް ބޭނުންކޮށްފައިވާ ޑްރޯންއަކީ އީރާނުން އުފައްދާފައިވާ އެއްޗެއް ކަން އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ ކަށަވަރު ކޮށްފައެވެ. މި ހާދިސާއާ އެކު، އީރާނާއި އެމެރިކާއާ ދެމެދު އޮތް މިހާރުވެސް ނުތަނަވަސްވެފައިވާ ގުޅުންތައް އިތުރަށް ހީނަރުވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޑްރޯން ހަމަލާއަށް ރައްދުދިނުމުގެ ގޮތުން ސީރިޔާގައި ހަރަކާތްތެރިވާ އީރާނު ސިފައިންގެ އަމާޒުތަކަށް ވައިގެ ހަމަލާތަކެއް ދިނުމަށް އަންގަވާފައި ވަނީ ރައީސް ޖޯ ބައިޑަން ކަމުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވިއެވެ. އަދި ހަމަލާތައް ދީފައި ވަނީ އީރާނުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ގޮފި، އިސްލާމިކް ރިވޮލޫޝަނަރީ ގާޑްސް ކޯ (އައި.އާރް.ޖީ.ސީ)ގެ ސިފައިން ހަރަކާތްތެރިވާ އަމާޒުތަކަށް ކަމުގައި އޮސްޓިން ވިދާޅުވިއެވެ.

ޑްރޯން ހަމަލާގައި ޒަޚަމުވި އެމެރިކާ ސިފައިންގެ ތިން މީހުންނާއި ކޮންޓްރެކްޓަރަކަށް ފަރުވާދިނުމަށް ގެންގޮސްފައި ވަނީ އިރާޤަށެވެ. އައި.އެސް. ޖަމާޢަތާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާ އެމެރިކާގެ އަސްކަރިއްޔާގެ ފައުޖުތައް އަދިވެސް އިރާޤުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއީ، ސީރިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށް މި ފަދަ ހަމަލާއެއް ދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2021 ވަނަ އަހަރުން ފެށިގެން މިހާތަނަށް 78 ފަހަރެއްގެ މަތިން ސީރިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް ހަމަލާދޭން މަސައްކަތް ކޮށްފައިވާ ކަމުގައި އެމެރިކާގެ އަސްކަރިއްޔާގެ އިސް ޖެނެރަލެއް ކަމުގައިވާ އެރިކް ކުރިއްޔާ ވިދާޅުވިއެވެ. އޭނާއަކީ މެދުރިއުމަތީގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އިސް ކޮމާންޑަރެވެ.

"މެދުއިރުމަތީގެ ޤައުމުތަކަށް ބަލައިލާއިރު، އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ޑްރޯންތައް އުފައްދައި، ބޭނުންކުރަމުންދާ ޤައުމަކީ އީރާނުން. އަދި، އެންމެ ގިނަ ޢަދަދަކަށް ޑްރޯން އުފައްދާފައި ވަނީ ވެސް އީރާނުން،" ޖެނެރަލް ކުރިއްޔާ ވިދާޅުވިއެވެ.

މި އަހަރުގެ ޖަނަވަރީ މަހުގައި ވެސް ސީރިޔާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ތިން ޑްރޯން ހަމަލާދީފައިވެއެވެ. އަލް-ތަންފް ސަރަޙައްދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ދިން ހަމަލާގައި ބޭނުންކުރި ދެ ޑްރޯން އެމެރިކާ ސިފައިން ވަނީ ވައްޓައިލާފައެވެ. ތިން ވަނަ ޑްރޯން ހަމަލާގައި ސީރިޔަން ފްރީ އާމީގެ ދެ މީހުން ޒަޚަމުވިއެވެ.

ސީރިޔާގެ އެކި ކަންކޮޅުތަކުގައި އެމެރިކާގެ 900 އެއްހާ ސިފައިން ހަރަކާތްތެރިވަމުންދާއިރު، އެއީ އިސްތިއުމާރީ ސިފައިންގެ ގޮތުގައި ސޫރިޔާގެ ސަރުކާރުން ގަބޫލުކުރެއެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި ރައީސް ބައްޝާރު ހާފިޛުލް އަސަދުގެ ސަރުކާރަށް ތާޢީދުކޮށް، ވާގިވެރިވެދީފައި ވަނީ އީރާނާއި ރަޝިޔާއިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ