
ރޮނާލްޑޯގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 120 ވަނަ ލަނޑާއެކު ޕޯޗުގަލްއަށް ފަސޭހަ މޮޅެއް!
ronaldo-portugal
ޔޫރޯ 2024, ކޮލިފައިންގ ގުރޫޕް 'ޖޭ' ގައި މިރޭ އަމިއްލަ ދަނޑުގައި ލިޗެންސްޓައިން އާއި ވާދަކޮށް 4-0 ގެ ނަތީޖާއަކުން މޮޅުވެ ޕޯޗުގަލް އިން ކޮލިފައިންގެ ފެށުން ރަނގަޅުކޮށްފިއެވެ.

ފީފާ ރޭންކިންގައި 198 ވަނައިގައި އޮތް ލިޗެންސްޓައިން އާއި ދެކޮޅަށް ޕޯޗުގަލް އެންމެ ފަހުން މެޗެއް ކުޅެފައިވަނީ 2009 ވަނަ އަހަރުއެވެ. އެމެޗު 3-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކާމިޔާބުކޮއްފައިވާއިރު، 2004 ވަނަ އަހަރު ލިޗެންސްޓައިން އިން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ އާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުކޮއްފައެވެ.
މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޕޯޗުގަލް އިން ކުޅުނު ނަމަވެސް މި ހާފުގައި އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. މި ލަނޑު ފުރަތަަމަ ހާފުގެ 8 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަޔާން މިއުނިކް ޑިފެންޑަރު ޖޮއާއޯ ކެންސެލޯއެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަަމަ މިނެޓުގައި ޕޯޗުގަލްގެ ލީޑު ފުޅާކޮށްދިނީ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރު ބްރެނާޑޯ ސިލްވާއެވެ. އަދި އެޓީމުގެ 3 ވަނަ ލަނޑާއި 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މި މެޗުގައި ރޮނާލްޑޯގެ ފުރަތަމަ ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިންއިރު ދެވަނަ ލަނޑަކީ ދެވަަނަ ހާފުގެ 63 ވަނަ މިނެޓުގައި ލިޗެންސްޓައިންގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. އަދި މިއީ ފާއިތުވެދިޔަ 6 ދުވަސްތެރޭގައި ހިލޭ ޖެހުމަކުން ރޮނާލްޑޯ ކާމިޔާބުކުރި 2 ވަނަ ލަނޑެވެ.
މި ލަނޑާއި އެކު ރޮނާލްޑޯ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 120 އަށް އަރާފައެވެ. މިހާރުވެސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮންނަ ރޮނާލްޑޯއަށް މިރޭގެ މެޗާއި އެކު ވަނީ އިތުރު ރެކޯޑެއް ލިބިފައެވެ. އެއީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑެވެ.
ޔޫރޯ ކޮލިފައިންގައި މިރޭ ކުޅެވުނު އިތުރު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ބޮސްނިޔާ އިން ވަނީ 3-0 ގެ ނަތީޖާއަކުން އައިސްލެންޑް ބަލިކޮށްފައެވެ. ޑެންމާކް 3-1 ގެ ނަތީޖާއަކުން ފިންލޭންޑު އަތުން މޮޅުވިއިރު، ނޯޓު މެސެޑޯނިއާ އިން ވަނީ 2-1 ގެ ނަތީޖާއަކުން މަލްޓާ ބަލިކޮށްފައެވެ. ސަން މަރީނޯ އަތުން ނޮދަން އަޔަލެންޑް 2-0 ގެ ނަތީޖާއަކުން މޮޅުވިއިރު ސޮލަވާކިއާ އާއި ލަގްޒަމްބާގް ވާދަކުރި މެޗު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.