
ކާށީގެ އަގު ހިފެހެއްޓުމަށް އެސްޓީއޯއިން ކާށި ޝިޕްމަންޓެއް ގެންނަނީ
l_167826286116vXLO
ބާޒާރުގައި ކާށީގެ އަގު އުފުލުމާއި ގުޅިގެން އެސް.ޓީ.އޯއިން ކާށި ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ރޯދަމަހު އާންމުން ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މަތިނުވެ އެއްވަރެއްގައި ހިފެހެއްޓުމަށް އެސް.ޓީ.އޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ރަމަޟާންމަހު ބާޒާރުގައި އަގު އެންމެ ބޮޑަށް އުފުލުނު އެކައްޗަކީ ކާއްޓެވެ. އެގޮތުން ބާޒާރުގައި ކާށީގެ އަގު ވަނީ 30 ރުފިޔާއިން މައްޗަށްވެސް އަރާފައެވެ. ކާށީގެ އަގު އުފުލި އަގު ދަށަށް ނުދިއުމުގެ ސަބަބުން ކާށި ޝިޕްމަންޓެއް ގެނައުމުގެ މަސައްކަތް އެސް.ޓީ.އޯއިން ވަނީ ފަށާފައެވެ.
އެސް.ޓީ.އޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވީ، ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑުވެ އަދި އަގު ދަށަށް ނުދިއުމާއި، ގުޅިގެން އެސް.ޓީ.އޯއިން ގެންނަ ކާށި ޝިޕްމަންޓް މި މަހުގެ 27 ގައި ރާއްޖެ އަންނާނެކަމަށެވެ. މި ރޯދަމަހު ތަކެތީގެ އަގު އެހެން އަހަރުތަކެކޭވެސް އެއްފަދައިން ބޮޑުވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތް އެސް.ޓީ.އޯއިން ކުރަމުންދާކަމަށް އަމްރު ވިދާޅުވިއެވެ.
އެސް.ޓީ.އޯއިން ވަނީ މި ހަފްތާގެ ތެރޭގައި ބާޒާރުގައި ވަރަށް ބޮޑަށް ލުނބޯގެ އަގު އުފުލުމާއި ގުޅިގެން ލުނބޯ ޝިޕްމަންޓެއް ގެނެސް ވިއްކަން ފަށާފައެވެ.
ލުނބޯގެ އަގު 80 ރުފިޔާއަށް ވަނީ ބާޒާރުގައި އަރާފައެވެ. އެހެންކަމުން އެސް.ޓީ.އޯއިން 2 ޓަނުގެ ލުނބޯ ގެނެސް ވިއްކަން ފެށީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެސް.ޓީ.އޯއިން ލުނބޯ ވިއްކަނީ ކިލޯއެއް 60 ރުފިޔާއަށެވެ.
ރޯދަމަހު އާންމުކޮށް ކެއިމުގައި އެންމެ މުހިންމު ބާވަތްތައް ކަމަށްވާ ފިޔާ، ބިސް އަލުވިވެސް އެސް.ޓީ.އޯއިން އަންނަނީ ހެޔޮ އަގުގައި އާންމުންނަށް ފޯރުކޮށްދެމުންނެވެ.
ހޯލްސޭލްކޮށް ވިއްކާ އަގު:
އަލުވި ބަސްތާއެއް: 240 ރުފިޔާ
ފިޔާ ބަސްތާއެއް: 160 ރުފިޔާ
ބިސް ކޭހެއް: 280 ރުފިޔާ
ރީޓެއިލްކޮށް ވިއްކާ އަގު:
އަލުވި ކިލޯއެއް: 11 ރުފިޔާ
ފިޔާ ކިލޯއެއް: 9 ރުފިޔާ
ބިހެއް: 1.75 ރުފިޔާ
އެސް.ޓީ.އޯއިން ބުނީ ރޯދަމަހު ކާބޯތަކެތޯގެ އަގު ހިފެހެއްޓުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އާންމުކޮށް ކެއުމުގައި ބޭނުންކުރާ ބާވަތްތައް ހުސްނުވެ އާންމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސަމުން އަންނަކަމަށެވެ.