
big_cs7BD6uKVZu6fpuqRfNVVoSqT
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހުމަދު ގައިސް އައްޔަންކޮށްފިއެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި ގައިސް އެޗްޑީސީގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދުއެވެ. ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމުން ގައިސް އިސްތިއުފާ ދެއްވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެމްޕެއިނަށް ވަގުތު ދެއްވަން ކަމަށް ވިދާޅުވެއެވެ.
އިސްތިއުފާ ދެއްވުމަށްފަހު ގައިސް ވަނީ ރިޔާސީ ޕްރައިމަރީގައި ތިނަދޫ އަށް ވަޑައިގެން ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެންމެ ފަހުން ފުރުއްވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ސެޕްޓެމްބަރު 4، 2022 ގައި އޭނާ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރުމާއެކު، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޮތީ މިއަދާ ހަމައަށް ހުސްކޮށެވެ.