އެމެރިކާއާއި ޖަޕާން ގުޅިގެން ދެކުނު ކޮރެއާގެ އަސްކަރިއްޔާއާއެކު، އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަނިކޮށް އުތުރު ކޮރެއާއިން އެސަރަހައްދަށް ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެެ.
ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް އިން ނެރުނު ބަޔާނެއްގައި ބުނީ އުތުރު ކޮރެއާގެ ހުޅަނގު އުތުރު ސަރަހައްދުން ފޮނުވާލި މިސައިލް އެ ގައުމުގެ އިރުމަތީ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދަށް ވެއްޓުމުގެ ކުރިން އެ ގައުމުގެ އެކި ހިސާބުތަކުގެ މަތިން ފެނިފައިވާ ކަމަށެވެ.
އެބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމެރިކާއާ ގުޅިގެން އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދާ މި ދަނޑިވަޅުގައި އެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ.
އުތުރު ކޮރެއާއިން ފޮނުވި މިސައިލާ ގުޅިގެން ޖަޕާނުގެ ދިފާއީ ވުޒާރާއިން ބުނެފައިވާ ގޮތުގައި، އެ މިސައިލް ފޮނުވާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އެމިސައިލް ވެއްޓިފައިވަނީ ޖަޕާނުގެ އިކޮނޮމިކް ޒީނުގެ ބޭރުން ކަމަށާއި، މިހާތަނަށް އެސަރަހައްދަށް ލިބުނު ގެއްލުމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށެވެ.
މިއީ އެމެރިކާއާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން މިދިޔަ ހަފްތާގައި އަސްކަރީ ތަމްރީނުތަކެއް ފެށި ފަހުން އުތުރު ކޮރެއާއިން ހަތިޔާރު ޓެސްޓު ކުރި ތިންވަނަ ފަހަރެވެ.