އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން ނޫސްވެރިޔަކު ހައްޔަރުކޮށްފައިވަނީ، ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، ފުލުހެއްގެ ގައިގައި ޖެހި މައްސަލައަކާ ގުޅިގެން ކަމަށް އެއިދާރާއިން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ ކަވަރުކުރަމުންދިޔަ ނޫސްވެރިޔަކު، ނޫސްވެރިއެއްކަން އަންގައިދޭ ކާޑު އަޅައިގެން ހުއްޓާ ހައްޔަރުކުރި މައްސަލައިގައި ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
އެމައްސަލައާ ގުޅިގެން ފުލުހުން މިއަދު ކުރެއްވި ޓުވީޓެއްގައި ބުނީ، އެ ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރި ވަގުތު، އެނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުގެ އޭނާ އިއްޔެ ދޫކޮށްލާފައިވާ ކަމަށާއި، ނަމަވެސް އެމައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ނޫސްވެރިޔާ ހައްޔަރުކުރި މައްސަލަ ކުށްވެރިކޮށް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ބަޔާނެއްވެސް ނެރެފައެވެ، އަދި އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.