
bng18-auto-rickshaw-011-954251-1614024660
ރާއްޖޭގައި އޮޓޯ ރިކްޝާ ދުއްވުމުގެ ހުއްދަ ނުދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދަށް ގެނެވުނު އިސްލާހާ އެކު ތިން ފުރޮޅުލީ އުޅަނދު ދުއްވުމުގެ ހުއްދަ ދެވޭ ގޮތަށް ހާއްސަ ކެޓަގަރީއެއް ވަނީ އިތުރުކޮށްފައެވެ.
ތިން ފުރޮޅުލީ އުޅަނދަށް ހާއްސަ ކެޓަގަރީއެއް އިތުރުކޮށްފައިވަނީ ރިސޯޓުތަކާއި ބައެއް ރަށްރަށުގައި ބަގީގެ ގޮތުގައި ޕަސިންޖަރުން އުފުލަން ބޭނުންކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމަށް ދިމާވަމުން އަންނަ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ ތިންފުރޮޅުލީ އުޅަނދެއްގެ ގޮތުގައި އޮޓޯ ރިކްޝާ ރަޖިސްޓްރީކުރުމަށް ހުއްދައެއް ނުދޭނެ ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ކޮންމެ އުޅަނދެއްވެސް ރަޖިސްޓްރީކުރަނީ އުޅަނދުގެ ފޮޓޯއަށް ބެލުމަށްފަހުގައި ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.