
ރައީސް ޔާމީން ދޫކޮށްލަން ގޮވާލާ މުޅި ރާއްޖޭގައި މުޒާހަރާ ކުރަނީ
20220325174350-bee9008-1
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ނިންމައިފި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މައުލޫމާތު ދޭގޮތުގައި މި މުޒާހަރާ ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 4:00 އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެވެ.
މި ހަރަކާތް ރަށްތަކުގައި ކުރިއަށް ގެންދިޔުމަށް ހުރިހާ ދާއިރާއެއްގެ ރައީސުންނާއި ނައިބު ރައީސުން އަދި ސްޓިއަރިން ކޮމެޓީތަކަށް އެ ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގ ގެ ކުށް ސާބިތުވެ ޖަލަށް ލާފައިވަނި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ. 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އަންނަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް މިހާރުވެސް ކުރަމުންނެވެ. ނަމަވެސް އެމުޒާހަރާތަކަށް މާގިނަ ބަޔަކު ނުނިކުމެއެވެ.
އިދިކޮޅު ކޯލިޝަނުން ކޮންމެ މަހަކު ކަހަލަ ގޮތަަކަށް އަންނަނީ މިފަދަ ބޮޑު މުޒާހަރާއެއް ރާވަމުންނެވެ. އެގޮތުން މިދިޔަ މަހުވެސް އެޕާޓީއިން ވަނީ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވާފައެވެ. އެހިނގާލުން ބާއްވާފައިވަނީ ވަރަށް ސުލްހަވެރިކޮށެވެ.