ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރުމަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އޮޕަރޭޝަން ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ވަގުތުން ހުއްޓާލުމަށް ޕާކިސްތާނުގެ ލާހޯރު ސިޓީގެ ކޯޓަކުން އަމުރުކޮށްފިއެވެ.
ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ލީޑަރު އިމްރާން ޙާން މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ކޯޓަށް ހާޒިރުވުން ކަށަވަރު ކުރުމަށް އިސްލާމްއާބާދުގެ ކޯޓަކުން އަމުރެއް ނެރުމާ ގުޅިގެން ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކުރުމަށް އެންމެ ފުރަތަމަ މަސައްކަތް ކުރީ އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.
އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ ހަދިޔާ ވިއްކުމާ ގުޅޭ މައްސަލައިގެ ތުހުމަތުތަކަށް އޭނާ ގެންދަވަނީ އިންކާރުކުރައްވަމުންނެވެ. އަދި މިއާއި އެކު ހައްޔަރުކުރައްވަން މަސައްކަތް ކުރަމުންދަނީ ގައިރު ގާނޫނީ ގޮތަކަށްކަމަށް ވިދާޅުވީ އިމްރާން އަންނަނީ ހައްޔަރުވުމަށް ދެކޮޅު ހައްދަވަމުންނެވެ
މިއާއި އެކުވެސް އޭނާ ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ކުރުމުން ފުލުހުން ކުރިމަތިލާން ޖެހުނީ އިމްރާންގެ އެތައް ސަތޭކަ ސަޕޯޓަރުންނާއި އެވެ. ސަލާމަތީ ބާރުތަކުން ކަރުނަ ގޭހާއި ފެން ބަޑީގެ ހަމަލާތަކެއް ދީފައިވާ އިރު ސަލާމަތީ ބާރުތަކާއި ދެކޮޅަށް އިމްރާނަށް ތާއީދުކުރާ ފަރާތްތަކުން ހިލަ އުކައި އެތައް ބަޔަކު ޒަހަމްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއްުޔެވެސް ވެސް ހަމަނުޖެހުން ތައް ހިނގަމުން ދިޔަ ނަމަވެސް، އިއްޔެގެ މެންދުރު ފަހު ލާހޯރު ހައި ކޯޓުން ވަނީ ޕީޓީއައި އިން މީގެ ކުރިން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އޮޕަރޭޝަން ހުއްޓާލުމަށް އަމުރެއް ނެރެފަ އެވެ. އަދި މި އަމުރަށް ސަލާމަތީ ބާރުތަކުން ތަބާވުމަށް ވަނި އަމަރުކޮށްފައެވެ.
ޕީޓީއައި އިން އިސްލާމްއާބާދު ހައި ކޯޓުގައި ވެސް ވަނީ ޖާމިނު ނުކުރެވޭ ގޮތަށް ހައްޔަރު ކުރުމުގެ އަމުރު ބާތިލްކޮށްދިނުމަށް އެދިފަ އެވެ. އެ މައްސަލަ ކޯޓުން ބޭރުކޮށްލީ މި މަހުގެ 18 ވަނަ ދުވަހު އިމްރާން ކޯޓަށް ހާޒިރުވާނެ ކަމުގެ އަންޑަޓޭކިންއެއް ދަށު ކޯޓަށް ހުށަހަޅަން އަންގައިގެންނެވެ.