ހަވަރު ސްޕޯޓްސް އިން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 ގެ މެއިން ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގް އޯގަރނައިޒޭޝަން ( އެސްޓީއޯ ) ހަމަޖައްސައިފި އެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 ގެ މެއިން ސްޕޮޮންސަރަކަށް އެެސްޓީއޯ ހަމަޖެހުމާއި އެކު މުބާރާތުގެ ނަން ވަނީ އެސްޓީއޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 އަށް ބަދަލުކުރެވިފައި އެވެ. ހަމައެއާއި އެކު މުބާރާތް ކުރިން ފެށުމަށް ހަމަޖެހިފައިވާ ތާރީހް ވަނީ 23 ފެބްރުއަރީ 2021 އަށް ވެސް ފަސްކޮށްފައި އެވެ.
ހަވަރު ސްޕޯޓްސްގެ އޮފިޝަލަކު " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮޮތުގައި މުބާރާތް ފެށުން ފަސްކޮށްފައިވަނީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ރަށް ކަމުގައި ގދ ތިނަދޫއިން ކޮވިޑް 19 އަށް ބަޔަކު ފައްސިވެ ރަށް މޮނީޓަރިންގ ގެ ހާލަތަށް ގެނެވުމާއި ގުޅިގެންނެވެ. އަދި އުންމީދަކީ އެތާރީހަށް ރަށުގެ މޮޮނީޓަރިންގ އުވާލެވި މުބާރާތުގައި ވާދަކުރާ ޓީމްތަކަށް އެކަށީގެންވާ ވަގުތު ފަރިތަކުރުން ތަކަށް ދެވޭނެ ގޮތެއް ވުން ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު ޖުމުލަ 10 ޓީމަކުން ވަނީ ބައިވެރިވެފައިއެވެ. އެގޮތުން ތިނަދޫއަށް ނިސްބަތްވާ 7 ޓީމަކާއި އަތޮޅު ތެރެއަށް ނިސްބަތްވާ 2 ޓީމުގެ އިތުރުން މާލެ އިން އެއްޓީމު ހިމެނެއެވެ.
މުބާރާތުގައި ބައިވެރިވި ޓީމްތަށް
- ޝައިން ސްޕޯޓްސް ކްލަބް
- އައުޓްލޯޒް ކުއީންސް
- ގައްދޫ ވުމެންސް
- ހޭޔަންބޯ
- ފެނަކަ ރެކްރިއޭޝަން ކްލަބް
- ހޯބަހަކުން
- އެވިޑް ސްޓޫޑެންޓް ކައުންސިލް
- ހުއްޓޭކޮޑާ
- ހޯނޑެއްދޫ ވިކްޓޯރިއަންސް
- ފިޓް ފެމިނިން
މިއަހަރުގެ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ގދ ތިނަދޫ ، އާރުއަވަށު ޓާފް ދަނޑުގައި އެވެ.
ހަވަރު ސްޕޯޓްސްއިން ތިނަދޫ ސްޓޭޑިއަމްއާއި ގުޅިގެން ބާއްވާ ހަވަރު ވުމެންސް ހޭންޑްބޯޅަ މުބާރާތް މިފަހަރު އިއުލާން ކޮށްފައިވަނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ވެސް ޓީމްތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެވެ.
މުބާރާތުގެ އޯގައިނައިޒިންގ ޕާޓްނަރަކަށް ހަމަޖައްސައިފައިވަނީ ތިނަދޫ ސްޓޭޑިއަމް އެވެ. ބެވަރޭޖަސް ޕާޓްނަރަކަށް ސޮލައިލް ހަމަޖައްސައިފައިވާ އިރު މުބާރާތުގެ ލައިވް ސްޓްރީމް ޕާޓްނަރަކަށް އިވެންޓް ކާސްޓް މޯލްޑިވްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކަށް ނޯވާޓެކް އަދި ފޮޓޯގްރަފީ ޕާޓްނަރަކަށް ފޮޓޯމޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް މުބާރަތަކީ ރާއްޖޭގައިވެސް ބޭއްވޭ އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން ވަނީ 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓު 2021 ގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިންއެވެ.