
ބާސާއާއި ދެކޮޅަށް ކުޅޭ މެޗުގައި ނޭމާއަށް ނުކުޅެވޭނެ - ޕީއެސްޖީ
Neymar-1
ޗެމްޕިއަންސް ލީގުގައި ރައުންޑް އޮފް 16ގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގައި ނޭމާ އަށް ނުކުޅެވޭނެކަމަށް ޕީއެސްޖީ އިން ބުނެފިއެވެ .

ފްރެންޗް ކަޕުގެ ރައުންޑް އޮފް 64 ގައި އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ކަން އަތުން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ނޭމާއަށް ވަނީ އަނިޔާވެފައެވެ. ނޭމާއަށް އަނިޔާވެފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. އެއާއެކު އޭނާގެ ބަދަލުގައި އެމްބާޕޭ ކުޅެން ނެރުނެވެ.
ނޭމާގެ މެޑިކަލް ޓެސްޓުތައް ހަދަމުން އަންނައިރު ރިޕޯޓުތައް ބުނާ ގޮތުން ނޭމާގެ ވައަތު ފައިގެ ފަލަމަސްގަނޑަށް ވަނީ ގެއްލުންވެ ކުޅުމާއި ދުރުގައި 4-3 ހަފްތާ ހޭދަކުރަން ޖެހޭނެކަމަށް ދައްކައެވެ. ނޭމާ ގެ އިތުރުން ޑީ މާރިޔާ ވެސް ވަނީ އަނިޔާވެ ބާސާ މެޗު ކުޅުމުގެ ފުރުސަތު ގެއްލިފައެވެ. ޑިމާރިއާ އަށް އަނިޔާވެފައިވަނީ ލީގުގައި މާސެއިލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗް ޕީއެސްޖީން ކާމިޔާބުކޮށްފައިވާއިރު، ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޑިމާރިއާ ބަދަލުކޮށްފައިވަނީ މެޗުގެ 11 ވަނަ މިނަޓްގައެވެ.
ނޭމާއަށް އަނިޔާވިޔަސް ޕީއެސްޖީގެ ކޯޗު ހުރީ ފޮނި އުއްމީދެއްގައެވެ. ކޯޗު ގަބޫލުކުރާ ގޮތުގައި ބާސާ މެޗުގައި ޓީމުގެ ފަރާތުން ރަނގަޅު ފައިޓެއް ދެވޭނެކަމަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ މެޗުތައް އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ މެޗަކީވެސް ޕީއެސްޖީއާއި ބާސެލޯނާ ބައްދަކުކުރާ މެޗެވެ. މިމެޗުގެ ފުރަތަމަ ލެގު ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފޯރިގަދަ އެމެޗު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރެއެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން އެރޭ 01:00 ގައެވެ.