ވާދޫ ރޮނާ އަންބެޔާ!

"ވާދު ރޮނާ އަންބެޔާ" ނުވަތަ "ވާދޫ ރޮނާ އަންބާއަކީ" ހުވަދު އަތޮޅު ދެކުނުބުރީ ވާދޫ އަށް ނިސްބަތްވާ އަދަބީ އަގުބޮޑު ތަރިކައެކެވެ. މިއަންބާގައި ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގެ ނަން ހިމެނިފައި ވުމުގެ އިތުރުން، އެރަށްރަށުގެ ކޮންމެވެސް ޚާއްސަކަމެއް ނުވަތަ އެރަށާއި ގުޅޭ ކޮންމެވެސް މަޢުލޫމާތެއް އެކުލިފައިވާކަން ފާހަގަކުރެވެއެވެ.

ރަށްރަށާއި ގުޅޭގޮތުން ގެނެސްފައިވާ މަޢުލޫމާތަކީ އެރަށްރަށުގެ އެދުވަސްވަރުގެ ދިރިއުޅުމުގެ ވައްޓަފާޅި، ސަޤާފަތާއި އާދަކާދައާއި ގުޅުވައިގެން ހިމެނިފައިވާ މަޢުލޫމާތަކަށް ވުން އެކަށީގެންވެއެވެ. އަދި މިހުރިހާ މަޢުލޫމާތަކީ އެންމެ ސައްޙަ މަޢުލޫމާތަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ މިއަންބާއަކީ އެކި މީހުންގެ ދޫދޫމަތިން އައިސްފައިވާ އެއްޗަކަށް ވުމެވެ.

"ވާދޫ ރޮނާ އަންބެޔާ" ރަނގަޅު ތަރުޖަމާއަކީ، "ވާދޫ ރޮނާ އަންބާ" އެވެ. ނުވަތަ "ވާދޫ ރޮނާ ފުރޭތަ ކިޔައިދިން އަންބާ"އެވެ. މިއަންބާ އާއި ގުޅުވައިގެން ހިގާފައިވާ ޚާއްސަ ހާދިސާއެއް ފޯކުލޯރު ވާހަކައެއްގެ ގޮތުގައި ހުވަދުއަތޮޅު ހުރިހާ ރަށެއްގައި ކިޔައި އުޅެއެވެ. މިއީ ކިހާވަރެއްގެ ހަޤީގަތެއް އެކުލެވޭ ހާދިސާއެއްކަމެއް ބުނެލަން ދައްޗެވެ.

މިހާދިސާގެ ކުރު ޚުލާސާއެއް ހިމަނާލާނަމެވެ.  ކުރީ ޒަމާނުގައި ރޭގަނޑު ނުނިދާ ރޮއި ބޮޑާހާކާ ކުދިން ނަގައިގެން ގެންދާ "ވާދޫ ރޮނާ" ކިޔާ ފުރޭތައެއް ވާދޫގައި އުޅުނެވެ. މިފުރޭތަ ރޭގަނޑު ރޯ ކުދިން ނަގައިގެންގޮސް އެކުދިންގެ ގައިން ލެއި ބޮއި، ކުދިންގެ ދެލޯ ކޮނެގެން ނަގައި މަރައި ހަދައެވެ. މިއީ އެދުވަސްވަރު ވާދޫގެ އެންމެން ދަންނަ ވާހަކައެކެވެ. އެއްރެއެއްގެ ރޭގަނޑު ބޮޑާހާކައި ނުނިދައި ރޮއި އުޅުނުކުއްޖަކު އެކުއްޖާގެ މައިންބަފައިން ގެއިން ބޭރަށްލައި ދޮރުލައްޕާ ތަޅުލިއެވެ. "ވާދޫ ރޮނާ މީނަ ގެންދާށޭ" މިހެން ބުނިކަމަށްވެސް ވިއެވެ. ބޭނުންވީ ދަރިފުޅަށް ބިރުދައްކައި ރުއިން ހުއްޓުވުމެވެ. އިރުކޮޅަކުން ދަރިފުޅު ރުއިން ހުއްޓާލިއެވެ. ނަމަވެސް ކަންތައް ވެގެންދިޔައީ އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ދޮރުހުޅުވާ ބެލިއިރު ދަރިފުޅު ނެތެވެ. "ވާދޫ ރޮނާ" ފުރޭތަ ދަރިފުޅު ގެންދިޔައީއެވެ. ލިބުނު ހިތާމައިގައި ދެމަފިރިން މާޔޫސްކަމުގައި މުޅި ރޭ ހޭދަކުރުމަށްފަހު، ފަތިސް ނަމާދަށް ދިޔުމަށް ގޭގެ ދޮރު ހުޅުވާލި އިރު، ދަރިފުޅު ބޭރުގައި ހުއްޓެވެ. ނަމަވެސް ރަށުތެރެއިން މަޢުލޫމާތު ލިބުނު ފަދައިން އެފުރޭތަވަނީ ދަރިފުޅުގެ ދެލޯކޮނެ، ގެންގޮސްފައެވެ. ދަރިފުޅު ކައިރިން ވީގޮތް އެހުމުން ބުނީ، "ވާދޫ ރޮނާ" ފުރޭތަ އޭނަ ގޮވައިގެން މުޅި ހުވަދުއަތޮޅު މަތިން އުދުހި ވަށާ ބުރެއްޖެހީކަމަށެވެ. އަދި ރޮނާ ކުރި މަސައްކަތުގެ އަގަކަށް އެނަގެ ދެލޯ ބޯލީކަމަށް ބުންޏެވެ. އަދި ދަތުރުމަތީގައި އަންބާއެއް ކިޔައިދިން ކަމަށް ދަރިފުޅު ބުންޏެވެ. މިއަންބާ ފުރޭތަ ކިޔަދިންގޮތަށް އެއްކޮށް ކިޔައިދީ ނިމުނުތަނާހެން އެކުއްޖާ މަރުވިއެވެ. "ވާދޫ ރޮނާ" އަންބާއަކީ މިފުރޭތަ ކިޔައިދިން އަންބާއެކެވެ.

ވާދޫ ރޮނާ އަންބާގައި ގެނެސްފައިވާ ވާހަކަތައް ކޮންމެވެސް މިންވަރެއް މިތާ ހިއްސާކޮށްލެވޭތޯ ބަލާނަމެވެ. އަދި މިއަންބާގައި ބުނާ ހުރިހާ ވާހަކަ މިޕްލެޓްފޯމުގައި ލިޔުމަކީ މަސްލަހަތު ހުރިކަމެއްގެ ގޮތުގައި ނުދެކެމެވެ. ސަބަބަކީ މި އަންބާގައި ބައެއް ރަށްރަށުގެ ފަތިފުށް އަދި ބައެއް ރަށްރަށުގެ ނަން ހުތުރުވަ ފަދަ އިބާރާތް ބޭނުންކޮށްފައި ވުމެވެ. މިއީ ކުރީ ޒަމާނުގައި މިރަށްރަށުގެ ކަންތައް ހުރިގޮތްކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ރަށްރަށުގެ މިހާރުގެ ހާލަތާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު އަންބާގައި ސިފަކޮށްފައިވާ ސިފަކުރުން މުޅިން ތަފާތުވުމުގެ ފުރުޞަތުވެސް ބޮޑެވެ.

ދެން މިހިސާބުން މިއަންބާއިން ކުޑަމިންވަރެއްގެ ޝަރަހައަށް ބަލައިލާނަމަވެ.

ވާދޫން ފުރައިފަންޏާ،  (ވާދޫން ފުރައިގެން ދާއިރު)
ކަޑަހަލަގަލަ ނުބަލަންޏާ،  ​​​(ކަޑަހަލަގަލަ ނުބަލައި ދާއިރު)
ރަށަކާ ރަށަކު ލަންޏާ،​​​ (ރަށަކަށްފަހު ރަށެއް ފަސްދީ އޮބާލަމުން ދާއިރު)
ފުއްޓަރު ބޭރުން ދަންޏާ،​​​ (ފުއްޓަރު ބޭރުން ދަތުރުކުރަމުން ދާއިރު)

"ވާދޫ ރޮނާ އަންބެޔާ" އެކި ފަރާތްތަކުން އަޑުއިވިފައިވާ ގޮތަށް ހިމަނާލަމެވެ. ހުވަދު އަތޮޅާއި ގުޅޭ މިފަދަ މުހިންމު ތަރީޚީ މަޢުލޫމާތު ކިޔުންތެރިންނާއި ހަމަޔަށް،އޭގެ އެންމެ އަސްލާ އެއްގޮތަށް ފަހުގެ ޖީލުތަކަށް  ފޯރުކޮށްދިނުމަކީ މިނޫހުގެ ވަރަށް ބޮޑު މަޤްސަދެކެވެ.

ވާދޫން ފުރާ ފަންޏާ
ކަނޑަހަލަގަލާ ނުބަލަންޏާ
ފުއްޓަރު ބޭރުން ލަންޏާ
ކުރެދި ކަނޑާ ރެހާދޮގޭ
މަސްބާނީ ގަޒީރައޭ
ފަންފިލަހާ މަގުއްދުއޭ
ގައްދޫ ކުދިން ކުޅޭ ކުޅިޔާ
އަނބި ފިރިޔާ ވާކުޅިޔާ
އަދުމަބަލާ ފޫހިނުވާ ކުޅިޔާ
މާވެއްދޫ އެތެރެހެވޭ ބޭރު ނުބައޭ
ކަޅެ ހަމަލު ދެކޮޅު ދެނާއިބުން ތިބެތޭ
ގޮޅާލި ގޮޅާލިކަމަނާގެ ރަށޭ
މެންތަންދޫ ނެރަށްބަލާ ދެރަށް ދޮގޭ
ހުޅުވާރެހު ތަހުލީލޭ
ރެއްދަފުށީ ރަދުންގެރަށޭ
މާ ވާރެލު މިނި މެރިޔާ
ހުޅުދޫގޭ ދޮރެއްނެތޭ
ކޮނޑޭ މަލާ ރީތިމަލާ
ގެމަނަފުށީ ވަސްނުދުވާ މަސްކާ ރަށެކޭ
ނެލަންދޫ ސޫފިންނޭ
ދާންދޫ ކަނބާތަކުނޭ
މާމެންދޫ ފަޅޯފެނާ
ވިލިގިލީ އޮޅުކެލަލޭ
ފެންނުބައޭ މަދުރުކައޭ
ބިސްހިއްތަލެ ހަގަދޫނީ
ބަޅު މިކިޔާ ހޯރައަރާ މިނިމެންސޭ
ކެރަމަތި ފަޅު ދެކާއްބައޭ
އަރައިކަނޭ ބޮޑު ރިހަޔޭ
ތެނަދޫ ކުދިން ފެއްސިގަތާ ލެއްވިގަތާ
މަޑަވެލީ ކުފުރުންގެ ރަށޭ
ހޯޑައްދޫ ކޭވަކެފެނެ ފޮނިކަންޏާ
ނަޑާލީ ކަނބުރުންގެ ރަށޭ
ފިޔޯރީ ހާވިއްކާ ކާ ރަށެކޭ
ލާބަދުވާ ލާބަހެވޭ ލާބަ އިތުރު ވާރަށެކޭ
އެއްލޮނޑި ތަކުރުންގެ ރަށޭ
ހޫނުތިބޭ ތޮޑާ ދޮގޭ
ހަލިމިރަށު ބާއިލަޅޭ
މެދަށް އޮތީ ކަޅައިދުވޭ
ފަރަހު ހުއްޓޭ ކޮޑަށް އެއްލޫ

ކޮމެންޓް

6 Responses

  1. ޅައިރުގެ ދުވަސް ތަކުގެ މަތިން ވަރަށް ހަނދާންވެއްޖެ. ކުޑައިރު މަންމަ ކިޔައިދޭ ވާހަކައެއްމީ.

  2. ވަރަށް ގިނަ ބައިބައި މަދެ ކަމަޓެ ފެނެއި
    އެބައިތަކާއެކު ގެނާހުދީފީފަހޭ ރަނގަޅެ

  3. މިޔަށް ކިޔަނީ "ވާދޫ ކަވެޔާ" ބައެއް މަޢުލޫމާތުވެސް ނުބައިކަން ވަރަށް ހިތާމަޔާއި އެކު ފާހަނގަ ކުރަން. ރަށެއްގެ ތާރީޚާއި ސީދާ ގުޅުންހުރި ވާހަކައެއް ލިޔާ އިރު އޭގެ އަސްލު އޮޅިފައިވުމަކީ ބަލައިގަންނަން ދަތިކަމެއް.

  4. ތެދެކެ. އެކަމަކު ލިޔުމުގައި އެޔާ ބައުތެ ބޮނެފައި މަސްލަހަތައްޓަކައި ބައެކެ އުނި ކޮޅަމާޔޯ! އެހެން ވީމައި ރަގަޅެ!

  5. -]ވާދޫ މީހާޓެ-
    ހީވެންނޫ މި ގޮލެޔާ މީބޫ އެ ފެރޯތެޔާހެން. ތީބޫ ހޮޅި ވާހަކަ. އެހެންވީމެއި ތިއްތޭ ގެ އަސްލު ނުއެގެންނެއި އެހެކުނަޓެސް.
    ލީ މީހާސް އަޑެ އިވުނެ ގޮތަކަޓެ ލެޔާހައި އޮތޫ މަޓަސް މި ލިކާޓެ މި ވާހަކެޔޭ އަޑެ އިވުނެ. އދިއަސް ބައިވަރެ ގޮތަޓެ އަޑެއިވުނެ.

  6. ވާދޫ ރޮނާ އޭބޫ ކުއްދާޓެ ކެޔަން ނަމާއައު މަ އަޑެއެހޫ. ނަމަޓެ ބަލަހި އަސް ބުއްދިވެރި ނިންމުމަކަޓެ ވެންނައު އެލިކާހެން ހީވެންނޫ. ނުންފަހޭ ތީ ރޮނެ ފެރޭތައިކެ ކަމަޓަސް ވެޔަންނެއި. ކުއްދާ މަރެވީމައި ކުއްދާ އެންމަ ފަހުން ކެޔައިދިނެ އަންބާކަޓެ ފެރޭތައު ނަމާއްޓެން ކުއްދާގެ ނަމުންމައި ނަމާ ދެންނައު. އަދި އެކެ ވާހަކަ. އަންބެޔާ ކެޔައިދިނެފަހޭ ކުއްދާ މަރެވެންނެއި ކަމަޓެ ފެރޭތެޔާ ކުއްދާގާތު ޝަރުތެ ކޮޅަކަމަޓެ ވެންނޫ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް