
ތިނަދޫ: 80 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފަށަނީ
DSC_5373
ގދ. ތިނަދޫގައި ދިރިއުޅޭ 80 އަހަރުން މަތީ ބޭފުޅުންނާއި ދާނުގައި ތިއްބެވި ބޭފުޅުންނަށް މަދަމާއިން ފެށިގެން ކުރިއަށް އިޮތް 3 ދުވަހު ވަކްސިން ދޭން ފަށާނެ ކަމަށް އެރަށު ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ބުނެފިއެވެ.

މެދުކެނޑުމަކަށްފަހު ފާމަސީ މުވައްޒަފުންނާއި ހޮސްޕިޓަލްގެ އިތުރު މުވައްޒަފުންނަށް ވެކްސިން ދިނުން ވަނީ މިއަދު ފައްޓާފައެވެ. މާދަމައިން ފެށިގެން ފެބްރުއަރީ 14 ވަނަ ދުވަހާ ހަމައަށް ތިނަދޫގައި ދިރިއުޅޭ 80 އަހަރުން މަތީ ބޭފުޅުންގެ އިތުރުން ދާނުގައިވާ ބަލިމީހުންނަށް ވެކްސިން ދޭން ފައްޓާނެ ކަމަށް ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް އިން ވަނީ މައުލޫމާތު ދީފައެވެ.
ކުރިއަށް އޮތް 3 ދުވަހު ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު ކޮންމެ ދުވަހަކުވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ވަކިއަދަދަކަށެވެ. އަދި ދާނުގައިވާ ބަލިމީހުންނަށް ވެކްސިން ދިނުމުގެ އިންތިޒާމް އެ ހޮސްޕިޓަލުން ހަމަޖައްސާނެކަން ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.
ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ނަންނޯޓު ކުރުން
12 ފެބްރުއަރީ - 14:00 އިން 18:00 އަށް
13 ފެބްރުއަރީ - 10:00 އިން 18:00 އަށް
14 ފެބްރުއަރީ - 09:00 އިން 18:00 އަށް
ތިނަދޫގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެއްޓިފައިވަނީ ފެބްރުއަރީ 3 ވަނަ ދުވަހުގައެވެ. އެންމެ ފުރަތަމަވެސް ވެކްސިން ދީފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް ކަމަށް އެހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން ފުރަތަމަ 2 ދުވަސް ތެރޭގައި ފްރަންޓްލައިންގައި މަސައްކަތް ކުރަމުން ގެންދާ ޖުމްލަ 165 ފަރާތަކަށް ވެކްސިން ދިނުމަށްފަހު ތިނަދޫއިން ކޮވިޑް ކޭސްަތައް ފެނި ރަށް މޮނިޓަރިންގ އަށް ލުމާއެކު ވެކްސިން ދިނުން މެދުކަނޑާލިއެވެ.