
މުސްކުޅި ފިރިހެނެކާއި ކައިވެނިކުރެވުމުން، ރުއި އަންހެން ކުއްޖެއްގެ ދިރިއުޅުން ބަދަލުވި ގޮތް
ggg
އުމުރުން ދުވަސްވެފައި ހުރި، އުމުރުގެ ގޮތުން ތަފާތު ފިރިހެނަކާއި ކައިވެނި ކުރެވުމުގެ ހިތާމައިގައި ރުއި އަންހެން ކުއްޖެއްގެ ދިރިއުޅުން، ކައިވެނީގެ ފުރަތަމަ ރޭ ފިރިމީހާގެ ހަޤީޤަތް އެނގުމުން ވަނީ ބަދަލުވެފައެވެ.

މިލިޔުމުގައި ގެނެސްދީފައި ވަނީ ޒުވާން އަންހެން ކުއްޖަކާއި، މުސްކުޅި ފިރިހެނެއްގެ ވާހަކައެވެ.
ޗައިނާގެ ފަގީރު އަވަށެއްގައި ދިރިއުޅެމުން އައި ދެމަފިރިއަކަށް ދެކުދިން ލިބިފައިވެއެވެ. ދިރިއުޅުމަށް ތަފާތު ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، މިއާއިލާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ދިރިއުޅުމުގެ ތަފާތު ބޭނުންތައް ފުއްދޭވަރަށް، އެކަށީގެންވާ ވަރުގެ އާމްދަނީއެއް ނުލިބުމުގެ މައްސަލައެވެ. މިފަދަ ދަތި ހާލެއްގައިވެސް، ދެކުދިންނަށް ރަނގަޅު ތަޢުލީމު ފޯރުކޮށްދެވިފައި ވާކަމީ، މިދެމަފިރިންނަށް ލިބިގެންދާ އެންމެ ބޮޑު ހިންހަމަޖެހުމެވެ. މިގޮތުން، ދޮށީ އަންހެން ދަރިފުޅު، ޒިޔާއޯ ކުއި، ކޮލެޖުގެ ތަޢުލީމު ނިންމައި، ވަޒީފާ އަދާކުރަން ފެއްޓިއެވެ.
ޒިޔާއޯ ކުއި، އުމުރުން 25 އަހަރު ފުރިގެން ދިޔައިރުވެސް، ލޯބީގެ ގޮތުން މީހަކާއި ގުޅުމުގެ ފުރުޞަތު ލިބިފައި ނުވެއެވެ. ފަގީރު އާއިލާއަށް ނިސްބަތްވާ ކުއްޖަކަށް ޒިޔާއޯ ވެފައި ވުމުން، ކައިވެނީގެ އެއްވެސް ހުށަހެޅުމެއް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވެއެވެ. ޒިޔާއޯގެ ފިރިހެން ކޮއްކޮގެ ހާލަތަށް ބަލާއިރު، އާއިލާއަށް އެހީތެރިކަމެއް ފޯރުކޮށް ނުދެވުމުގެ އިތުރުން، ރަނގަޅު ދިރިއުޅުމެއް އަމިއްލައަށް ނުފެއްޓި ވެއެވެ. މިއީ ކޮއްކޮގެ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ އިތުރުން، ކޮއްކޮއަށް ނުހަނު ހިތާމަ ކުރާ ކަމެކެވެ. މީގެ އިތުރުންވެސް، ޒިޔާއޯގެ އުމުރުގެ ހުރިހާ އަންހެންނުން އެއަވަށުގައި މީހުންނާއި ކައިވެނިކޮށް ނިމިފައި ވުމީ ކޮއްކޮ އެކަމާ ނުހަނު ދެރަވެ ހިތާމަ ކުރާ ކަމެކެވެ. ޒިޔާއޯ ވެސް އިންތިޒާރު ކުރަމުން އައީ، އޭނާއަށް ކައިވެނީގެ ދަޢުވަތެއް ލިބޭނެ ދުވަހަކަށެވެ.
މުޅި އާއިލާއަށް ކުއްލި ހައިރާންކަމެއް ލިބިގެން ދިޔައީ، އެއްވެސް މީހަކު އުއްމީދު ނުކުރާ ފަދަ ގޮތަކަށް ޒިޔާއޯ އަށް ކައިވެނީގެ ހުށަހެޅުމެއް ހުށަހެޅިގެން އައުމުންނެވެ. އާއިލާއިން ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައުމުގެ އުފާ ލިބިގެން ދިޔަ ނަމަވެސް، މި ހުށަހެޅުން ހުށަހަޅާފައި ވަނީ 60 އަހަރުން މަތީގެ މުސްކުޅި ފިރިހެނެކެވެ. މި އުމުރުން ދުވަސްވެފައިވާ ފިރިހެން މީހާ، އަމިއްލައަށް ތަޢާރަފްވެ، ޒިޔާއޯ އާއި ކައިވެނި ކުރުމަށް މައިންބަފައިންނަށް ހުށައެޅިއެވެ. ޒިޔާއޯގެ މައިންބަފައިންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. މުޅި އާއިލާއަށްވެސް، އެއަވަށުގައި އުޅޭ އެންމެ މުއްސަނދި މީހާގެ ނަން އެނގެއެވެ. ނަމަވެސް، އަމިއްލަޔަށް ތައާރަފް ވުމުން، ޒިއާއޯ އާއި ކައިވެނި ކުރުމަށް މިހުށަހެޅުން ހުށަހެޅި ފަރާތަކީ އެމީހާކަން އެނގިގެން ދިޔައެވެ. މިހުށަހެޅުން ހުށަހެޅި ފަރާތަށް ބަލާއިރު، އުމުރަށް ވުރެވެސް މުސްކުޅިކަމަށް ފެންނަ ފެނުމުގައި ހީވެއެވެ. ޒިޔާއޯގެ އުމުރަކީ އެންމެ 25 އަހަރެވެ.
މުއްސަނދި މުސްކުޅި ފިރިހެން މީހާ، ނުކުމެގެން ދިޔުމުން، ދެމަފިރިން އަންހެން ދަރިފުޅަށް ގޮވައި ގެނައެވެ. އަދި ވެގެން ދިޔަކަންތައް ދަރިފުޅަށް ކިޔައި ދިނެވެ. ޒިއާއޯ އޭނާއާއި ކާވެނިކުރުމަށް ހުށަހެޅި ފަރާތުގެ އުމުރު އެނގުމުން ޝޮކެއް ލިބުނެވެ. އަދި އެމީހާއަކީ އެ އަވަށުގައި ހުރި އެންމެ މުއްސަނދި މީހާކަންވެސް މައިންބަފައިންގެ ފަރާތުން އެނގުނެވެ. ޒިއާއޯ މީހަކާއި އިނުމަކީ މައިންބަފައިންގެ ހުވަފެނެކެވެ. އަދި މިހުށަހެޅުމާއި އެއްގޮތަށް އެމީހާ އާއި ކައިވެނި ކުރުމަކީ މަންމަމެން ބޭނުންވާނެ ގޮތްކަންވެސް ޒިއާއޯ އަށް ވިސްނުނެވެ. އެއީ އެއްވެސް ހާލެއްގައި ފައިސާގެ ދަހިވެތިކަމުގައި ނޫންކަންވެސް ޒިޔާއޯއަށް ވިސްނެއެވެ. މި ހުށަހެޅުމާއި އެއްގޮތަށް އެމީހާއާއި ކައިވެނި ކުރުމަކީ އާއިލާއަށް ދިމާވެފައިވާ ހުރިހާ ނުތަނަވަސްކަމުގެ ހައްލު ކަންވެސް ޒިއާއޯ އަށް ވިސްނުނެވެ. އުމުރުން ދުވަސްވެފައިވާ މުސްކުޅިއަކާއި ކައިވެނި ކުރަން ޖެހުމުން ޒިއާއޯ އަށް ފުން ހިތާމައެއް ލިބި ގިސްލަ ގިސްލާފައި ރޮވުނެވެ. އާއިލާގެ ފަގީރުކަމާއި، ކޮއްކޮއަށް ރަނގަޅު ގޮތެއް ހޯދެން އޮތް ހަމަހެކަނި މަގަކީ އެމީހާ އާއި ކައިވެނިކުރުން ކަމަށް ދެކި، ކައިވެންޏަށް ޒިއާއޯ އެއްބަސްވެއެވެ.
ކައިވެނި ކުރުމަށް ހުށަހެޅި މުއްސަނދި މީހާ އަނެއް ދުވަހު ޒިއާއޯ އާއި ބައްދަލުކުރުމަށް އެގެއަށް އައެވެ. އެމީހާގެ ސިފަޔަށް ބަލާ ބެލުމުން މޫނުމަތިން، ހަންގަނޑު ދޫވެ، އުމުރަށް ވުރެ ބޮޑަށް މުސްކުޅިކަން ފާޅުވެއެވެ. ނަމަވެސް އެއީ ޒިއާއޯގެ ވާންއުޅޭ ފިރިމީހާ ކަމަށް ވުމާއެކު، ދެކޭގޮތް ބަދަލުކުރިއެވެ. ކައިވެނީގެ ތައްޔާރީތަކާއި ގުޅުން ހުރި ކަންކަމުގައި އެމީހާ ގިނަގިނައިން ޒިއާއޯމެން ގެއަށް އައިސް ގޮސް ހަދައެވެ. ވަރަށް ގިނަފަހަރު ޒިއާއޯ އާއި ބައްދަލުވެ، ވާހަކަ ދެކެވެން ފެށިއެވެ. ވަރަށް ގިނަ ވަގުތު ވަންދެއް ޒިއާއޯ އާއި ވާހަކަ ދެއްކުމުގައި ހޭދަކުރި ކަމުގައި ވީނަމަވެސް، އެއްވެސް ގޮތަކަށް މާބޮޑަށް ކައިރިވެގެން އެހެން ނޫޅެއެވެ. ވީހާވެސް ބޮޑަށް ޒިއާއޯ އާއި ދުރުން އުޅެވޭތޯ މިމީހާ ވަރަށް ބޮޑަށް ބަލައެވެ. މިއީ ވަރަށް އާދަޔާ ޚިލާފު ކަމެއްގެ ގޮތުގައި ޒިއާއޯ އަށް ފާހަގަކުރެވޭ ކަމެކެވެ.
މުސްކުޅި ފިރިހެން މީހާ އަކީ ފޮތްކިޔުމުގެ ޝައުޤުވެރިކަން ހުންނަ މީހެއްގެ އިތުރުން، އުމުރަށް ބަލާއިރު، ވަރަށް ހެލިފެލިވެ އުޅޭ މީހެކެވެ. ޒިއާއޯ އާއި މުޚާޠަބުކޮށް ވާހަކަ ދެއްކުމުގައި، އަބަދުވެސް އީހްތިރާމާއެކު ވާހަކަ ދައްކާކަން، ޒިއާއޯ އަށް ފާހަގަ ކުރެވުނެވެ. އަބަދުވެސް ޒިއާއޯ ބޭނުންވާ ގޮތް ބަލައި، ކޮންމެ ކަމެއްގައިވެސް ޒިއާއޯގެ ޚިޔާލާއި ފިކުރަށް އިސްކަންދޭކަން، އަދި އެމީހާ ޒިއާއޯ ދެކެ ވަރަށް ލޯބިވާކަން އުޅުމާއި ގުޅުމުން ޒިއާއަށް އެނގިގެން ދިޔައެވެ.
ހައިރާން ކުރުވަނިވި ގޮތަކަށް، މި ފިރިހެން މީހާގެ މިގޮތް ޒިއާއޯ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ. ޒިއާއޯއަށް އިޚްތިޔާރުން ބޭރުން، މި ފިރިހެން މީހާގެ މިއަމަލުތަށް ގަޔާވެ، ލޯތްބާއި އިހްތިރާމް އެމީހާއަށްޓަކައި ޒިއާއޯގެ ހިތުގައި އުފެދެން ފެށިއެވެ. ނޭގި ހުއްޓާ މުސްކުޅި ފިރިހެންމީހާ ދެކެ ޒިއާއޯ ލޯބި ވެވިއްޖެއެވެ. މިއީ ޚުދު ޒިއާއޯ އަށްވެސް ޤަބޫލުކުރަން ދަތި އުދަނގޫކަމެކެވެ.
ކައިވެނީގެ ދުވަހުވެސް އެއްވެސް ހިތްހަމަ ނުޖެހުމެއް ނުވަތަ ނުތަނަވަސްކަމެއް ޒިއާއޯ އަށް ކުރިމަތި ނުވެއެވެ. ޒިއާއޯ ހުރީ އުފަލުންނެވެ. އެއްވެސް ހިތްހަމަ ނުޖެހުމެއް ނުވަތަ ހިތާމައެއް ޒިއާއޯ އަށް އިހްސާސް ނުވެއެވެ. މިއީ ޒިއާއޯއަށް އެމީހާ ދެކެ ލޯބިވެވުމުން ވާގޮތަކަށް ވުން އެކަށީގެންވެއެވެ. ޒިއާއޯގެ ވާން އުޅޭ ފިރިމީހާ އަކީ، އޭނާ ދެކެ ލޯބިވާ، ވިސްނުންތެރި، އޯގާތެރި، މުއްސަނދި މީހަކަށް ވުމުގެ އިތުރުން އާއިލާއަށް ދިމާވެފައި އެންމެހާ ނުތަނަވަސްކަމެއް ހައްލުކޮށްދޭނެ ފަރާތްވެސް މެއެވެ. މިއީ އަންހެނަކު ފިރިމީހާގެ ފަރާތުން ބޭނުންވާނެ އެންމެ މުހިންމު ކަންކަން ކަމުގައި ޒިއާއޯ ދެކެއެވެ.
މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ކައިވެނީގެ ހަފްލާގައި ޒިއާއޯގެ ދެލޯ ކަރުނުން ފުރި، ބޭއިޚްތިޔާރުގައި ރޮވުނެވެ. މިހުރިހާކަމެއް މިހެން ހުރިކަމުގައި ވީނަމަވެސް، ބޮޑުތަނުން ތިމާއަށްވުރެ އުމުރުން ދޮށި މުސްކުޅި މީހަކާއި ކައިވެނި ކުރަން ޖެހުމުގެ ހިތާމަ، ޒިއާއޯގެ ހިތުގެ ކަނެއްގައި ނުފިލާ އަދިވެސް އެބަހުއްޓެވެ.
ކައިވެނީގެ ހަފްލާގެ ހުރިހާކަމެއްވެސް ނިމިގެން ދިޔައީ ދެމީހުން މަޝްވަރާކުރެވުނު ގޮތަށް އޭގެ އެންމެ ފުރިހަމަކޮށެވެ. ކައިވެނިކޮށްގެން ދިރިއުޅުމަށް، މުޅިން އާ ލަގްޒަރީ އެޕާޓްމަންޓެއް ޒިއާއޯގެ ފިރިމީހާ ގަތެވެ. ކައިވެނީގެ ފުރަތަމަ ރޭ ހޭދަކުރުމަށް ދެމަފިރިން ނިންމާފައި އޮތީ އެ އާ އެޕާޓްމަންޓުގައެވެ.
ރާވައިފައިވާ ގޮތަށް ކައިވެނީގެ ފުރަތަމަރޭ، ހޭދަކުރުމަށް މި އާއެޕާޓްމަންޓުގެ ކޮޓަރިއަށް ދެމަފިރިން ވަނެވެ. ޒިއާއޯގެ ފިރިމީހާ ކޮޓަރީގެ ފާޚާނާއަށް ވަނެވެ. ފިރިމީހާގެ އިންތިޒާރުގައި އެނދުގައި އިށީދެގެން ޒިޔާއޯ އިނެވެ. ޒިއާއޯއަށް ކުއްލި ހައިރާންކަމެއް ލިބިގެން ދިޔައީ ކޮޓަރި ތެރެއިން ޒުވާން ފިރިހެނަކު ފެނުމުންނެވެ. ޒިއާއޯ ސިއްސައިގެން ގޮސް އަޑު ނެތް ކޮޅަށް ހަޅޭ ނުލެވުނީ ކިރިޔާއެވެ. ކޮޓަރި ތެރެއިން ކުރިން ދުވަހަކުވެސް ފެނިފައި ނުވާ މީހަކު ފެނުމުން ޒިއާއޯ ވަރަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވެ، އެދުގައިވާ ރަޖާ ނަގައި މުޅި ގައިގައި އޮޅާލިއެވެ.
ކޮޓަރި ތެރެއިން ފެނުނު ޒުވާނާ ދެއަތް ހުޅުވައިގެން ހިނިތުން ވަމުން، ޒިއާއޯގެ ކައިރިއަށް މަޑުމަޑުން އަންނަމުން ދިޔައެވެ. ޒިއާއޯ ހަޅޭއް ލަވައިގަންނަން ތައްޔާރު ވެއްޖެހެން ހީވުމުން، ޒުވާނާ ވާހަކަ ދައްކަން ފެއްޓިއެވެ. އަޑު އިވުމާއެކު، އެއި ކުރިން އަޑުއިވިފައިވާ އަޑެއް ކަމާއި، އެއީ އޭނާގެ ފިރިމީހާގެ އަޑުކަން ޒިއާއޯއަށް ޔަޤީން ވިއެވެ. ދެން އެއަށް ފަހު ހަޤީޤަތް ޒިއާއޯގެ ކުރިމަތީގައި އޭނަގެ ފިރިމީހާ ހާމަ ކުރިއެވެ.
ޒިއާއޯއަށް ކޮޓަރި ތެރެއިން ފެނުނު ޒުވާނާއަކީ ދެވަނަ މީހެއް ނޫނެވެ. އެއީ އޭނާގެ ފިރި މީހާއެވެ. ޕްރޮފެޝަނަލް މޭކަޕް އާޓިސްޓުންގެ އެހީއާއި އެކު، މުސްކުޅިއަކަށް ހެދިގެން އުޅުނީއެވެ. މުއްސަނދި ބޮޑު ވިޔަފާރި ވެރިއަކަށް ވުމުން، ގިނަ އަންހެން ކުދިންގެ ފަރާތުން ތަފާތު ހުށަހެޅުންތައް އޮހެމުން ދިޔައިރު، އޭނާ ބޭނުންވީ، އޭނާގެ ސިފަޔާއި މުއްސަނދި ކަމަށް ނުބަލައި، އޭނާދެކެ ލޯބިވާ އަންހެން ކުއްޖެއް ބައިވެރިއެއްގެ ގޮތުގައި އިޚްތިޔާރު ކުރާށެވެ.
އެއް ދުވަހެއްގައި އޭނާ ކޮންސްޓްރަކްޝަން ސަޕްލައިސް ވިއްކުމަށް ކުންފުންޏަކާއި ބައްދަލުކުރަމަށް ދިޔަ ބައްދަލުވުމަކުން ޒިއާއޯ ފެނި، ޒިއާއޯއަށް ހިތްކިޔައެވެ. މިގޮތުން މުއްސަނދި ޒުވާނާ ބޭނުންވީ، ޒިއާއޯ އަކީ އެހެން އަންހެން ކުދިންނެކޭ އެއްފަދައިން، އޭނާގެ ސޫރަ އަދި ފައިސާދެކެ ލޯބިވާ މީހެއްތޯ ބެލުމަށެވެ. އަދި ޒިއާއޯ އާއި ބެހޭ މައުލޫމާތު ހޯދައި މުސްކުޅި މީހެއްގެ ސިފައިގައި ޒިއާއޯ އާއި ބައްދަލުކޮށް ޒިއާއޯގެ ހިތް އަތުލައި، ޒިއާއޯގެ ލޯބި ހާޞިލް ކުރީއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، ލޯތްބަކީ ހިތާއި ހިތުގެ ގުޅުމެކެވެ. އަދި ލޯތްބަކީ ދެފުރާނައިގެ ގުޅުމެކެވެ.
ފައިސާގެ ބޭނުމުގައި މުއްސަނދި މުސްކުޅިއަކާއި އިންނަން ކޮންމެ މީހަކުވެސް އެއްބަސް ވެދާނެއެވެ. ނަމަވެސް އޭނާގެ އޯގާތެރިކަމާއި، ލޯބި އަދި އިޙްތިރާމާއި ލޯބި ޒިއާއޯގެ ހިތް ފަތަހަ ކުރީއެވެ. މިގޮތުން، އޭނާގެ މިސިފަތަކުގެ ސަބުބުން، މުސްކުޅިއެއްގެ ގޮތުގައި ހުރި އިރުވެސް، ޒިއާއޯއަށް އޭނާދެކެ ހަޤީޤީ ލޯބީ ވެވުނީއެވެ. މިއީ ޒިއާއޯ އާއި ހަޤީޤތުގައިވެސް ކައިވެނި ކުރުމަށް މުއްސަނދި ޒުވާނާ ނިންމި ހިސާބެވެ. އަދި އޭނާގެ ހަޤީޤަތް ކައިވެނީގެ ފަހުން ހާމަކުރުމަށް ޒުވާނާ ނިންމިއެވެ.
ޓިއާއޯ އޭނަގެ އަނބިމީހާ ޒިއާއޯ ކިބައިން، މިއޮޅުވާލުމަށް މާފަށް އެދުނެވެ. އަދި ހަޤީޤީ ލޯތްބަށް ބިނާކޮށް، ދެމަފިރިން މުޅި އުމުރުގައި ވަކި ނުވުމަށް ވައުދުވެ، އުފާވެރި ހަޔާތެއްގެ ބިންގާ އެޅި އާ ހަޔާތެއް ފެއްޓިއެވެ.