ގަވާއިދާ ޚިލާފަށް ޕާކް ކުރާ އުޅަނދުފަހަރުތައް ޕާކިން ޖޫރިމަނާތައް ކުރަމުން ދަނީ ޕާކް ކުރާނެ ޖާގަ ދައްކާފައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވިގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅަކީ ޕާކް ކުރާނެ ޖާގަ ނުދައްކައި ޖޫރިމަނާ ނުކުރުން ކަމަށާއި ގަވާއިދާ ޚިލާފަށް ޕާކް ކުރާ އުޅަނދުފަހަރުތައް ޕާކިން ޖޫރިމަނާތައް ކުރަމުން ދަނީ އެ ވައުދުފުޅު ފުއްދެވުމުށް ފަހުގައި ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ޕާކިންގ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެތައް ހާސް ޕާކިންގ ޖާގަތައް މިހާރު އުފެއްދިފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެތައް ޕާކިންގ ޒޯނެއް ހެދި، ޕާކިންގ މައްސަލައަށް ހައްލުތަކެއް ވަރަށް ގިނަ ގޮތްގޮތަށް ގެނެވިފައި ހުންނާނީ". ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިއެެވެ.
ރައީސްގެ ވައުދަކީ ޕާކިންގ ސްޕޭސް ނެތި ޖޫރިމަނާ ކުރުމަކީ ހަމަޖެހޭ ވިސްނުމަމަށް ނުވާތީ އެ ޖާގަތައ، ފުދޭވަރަކަށް ގިނަ ކުރެވިފައިވާ ކަމަށާއި މިކަމުގެ ވިސްނުމަކީ ޕާކިންގ ޒޯން މެދުވެރިކޮށް މިކަންކަމަށް ހައްލު ހޯދުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އަދި ޕާކިންގ ޒޯނެއް ހުއްޓާ މަގުގެ އަނެއްކޮޅުގައިވެސް ދުއްވާ އެއްޗެހިތައް ޕާކްކޮށްފައި ހުންނަކަންވެސް މަބްރޫކް ފާހަގަކުރެއްވި އެވެ.
މި ސަރުކާރުން ކުރިޔަށް އޮތް ދުވަސްތަކުގައި މިކަމަށް އިތުރަށް ހައްލު ހޯދުމުގެ ގޮތުން ޕާކިންގ ސްޕޭސް އިތުރުކުރުމަށް ވިސްނާފައިވާކަން ވެސް ވަނީ ހާމަކޮށްފައިއެވެ. ޕާކިންގ ސްޕޭސް ނެތި ޖޫރިމަނާނުކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.