ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅެގެ ތެރެއިން އެ ޤައުމުގެ ރައީސް އެމްޑީ އަބްދުލް ހާމިދްއާއި ބައްދަލުކުރައްވައިފި އެވެ.
ބަަންގަލަދޭޝްގެ ޑާކާގައި ހުންނަ ރައީސްގެ އޮފީސްކޮޅުގައި ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން ބަންގްލަދޭޝް ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކޮށްފައިއެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ބަންގްލަދޭޝްއިން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި އެ ޤައުމުގެ ރައީސް އެމްޑީ އަބްދުލް ހާމިދް ވަނީ ރާއްޖެއާއި ބަންގްލަދޭޝްގެ ދުވަސްވީ ގުޅުން ފާހަގަކުރައްވާ މުސްތަގްބަލުގައިވެސް ދެޤައުމު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އުންމީދުކުރައްވާކަން ފާހަގަކުރައްވާފައިއެވެ. އަދި ދެޤައުމު ގުޅިގެން މުސްތަގުބަލުގައި ކުރެވޭނެ ކަންކަމާއި މަޝްވަރާކުރައްވާފައިއެވެ.
މިނިސްޓަރ ޝާހިދު ވަނީ ބަންގްލަދޭޝްއަށް ވަޑައިގަތުމަށް ދެއްވި ދަޢުވަތަށާއި، ބަންގްލަދޭޝްއިން އަދާކުރެއްވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިނިސްޓަރ ބަންގްލަދޭޝަށް ކުރައްވާ ދަތުރުރުފުޅުގައި ވަނީ ދެ ޤައުމު ދެމެދުގައި ރަސްމީ ވާހަކަތަށް ބާއްވާފައިއެވެ. އަދި ދިވެހިރާއްޖެއަށް ބަންގްލަދޭޝްއިން މަސައްކަތްތެރިން ގެނައުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ މި ދަތުރުފުޅުގައި ސޮއިކޮށްފައި އެވެ.