ރާއްޖެ އަންނަ ފަތުރުވެރިންނަށް ކޮވިޑް19 ވެކްސިން ދިނުމަށް ވިސްނަމުންދާ ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ " ވެކްސިން ޓޫރިޒަމް" އަށް ދިޔުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވި ގޮތުގައި "ވެކްސިން ޓޫރިޒަމް" އަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ތާއީދު ކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ ފަތުރުވެރިން އަށް ޤައުމު ތިން ވީ މެދުވެރިކޮށް ޕްރޮމޯޓް ކުރުން ކަމަށެވެ. ތިން ވީ ގެގޮތުގައި މިނިސްޓަރ އިޝާރަތް ކުރެއްވީ ވިޒިޓް ، ވެކްސިން ، ވެކޭޝަން އަށެވެ.
ވެކްސިން އަކީ ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭ އެއްޗަކަށް ވުމާއި އެކު ވެކްސިން ޓޫރިޒަމް އަކީ ފައިދާ ކުރާނެ މޮޑެލް އެއް ކަމަށް މައުސޫމް ވިދާޅުވިއެވެ. އެކަމުގައި ސައިންސްވެރިންގެ ވާހަކަތައް ތަފާތު ކަމަށާއި އެގޮތުންް އެއްބައި ސައިންސުވެރިން ބުނާ ގޮތުން ހަތަރު ހަފުތާއަށް ފަހު ދެވަނަ ޑޯޒު ޖަހަން ޖެހޭ ކަމަށާއި އަނެއް ބައި ފަރާތްތަކުން ތިން ހަފުތާއަށް ފަހު ދެ ވަނަ ޑޯޒު ޖަހާ ވެކްސިން ގެންގުޅޭ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ. އަދި މިގޮތަށް ވެކްސިން ދޭން ފެށުމާއި ރާއްޖެ ދަތުރުކުރާ ފަތުރުވެރިޔާއަށް ވެކްސިން ޕްރޮގްރާމް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ފުރިހަމަ ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގައި މިވަގުތު އެންމެ މުހިންމި ހުރިހާ ރައްޔިތުންނަށް ވެކްސިން ދިނުން ކަމަށާއި މިކަން ނިންމުމާއި އެކު ވެކްސިން ޓުއަރިޒަމް މޮޑިއުލް ރާއްޖޭގައި ތައާރަފް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.