މިދިޔަ ހޯމަ ދުވަހުގެ ރޭ ގއ މާމެންދޫގައި ހިނގި ގްރޫޕް މާރާމާރީއާއި ގުޅިގެން ފުލުހުން ހައްޔަރުކުރި ފަސް މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް " ގާފު " އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި މާމެންދޫގައި ހިނގި ގްރޫޕް މާރާމާރީއާއި ގުޅިގެން 08 ފެބްރުއަރީގައި ހައްޔަރު ކުރެވުނު 3 މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައި އެވެ. އަދި އެދުވަހު ދެން ހައްޔަރުކުރެވުނު މީހާގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައިއެވެ. މީގެ އިތުރުން މިމާރާމާރީއާއި ގުޅިގެން 9 ފެބްރުއަރީގައި ހައްޔަރުކުރެވުނު ދެމީހުންގެ ބަންދަށްވެސް ވަނީ 15 ދުވަސް ގއ ވިލިގިނލި މެޖިސްޓްރޭޓް ކޯޓުން ޖަހާފައިއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ޖުމުލަ 5 މީހަކު ގެނެވިފައިވާ ކަމަށް ފުލުހުންގެ މީޑީއާ އޮފިޝަލް ވަނީ މައުލޫމާތު ދީފައިއެވެ.
ހޯމަ ދުވަހުގެ ރޭ ގއ މާމެންދޫގައި ހިނގި ގްރޫޕް މާރާމާރީގައި އުމުރުން 17 އަހަރުގެ ކުއްޖެއްވަނީ މަރާލާފައިއެވެ. އެގޮތުން މަރާލާފައިވަނީ ގއ މާމެންދޫއަށް އުފަން އަހުމަދު އުދައްޔު އެވެ. އަދި މި މާރާމާރީގައި ޒަހަމް ވި އިތުރު ޒުވާނަކަށް ގދ ތިނަދޫގައި ހުންނަ ޑރ އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. ޒަހަމްވި ޒުވާނާއަކި މަރާލި އަދުއްޔުގެ ބޭބެ އެވެ.
އަދުއްޔުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވަމަށްޓަކައި މިހާރު ވަނީ މާލެ ގެންދެވިފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އަދި މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލާނެކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައިއެވެ.