މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބާއްވާ "ހޯޕް ކޮންފަރެންސް" ގިނަ އަދަދެއްގެ މަންދޫބުންނާއެކު މިއަދު މާލެ ސިޓީގައި ފަށައިފިއެވެ.
މިއަދު މެންދުރު ދަރުބާރުގޭގައި ފެށިގެންދިޔަ ހޯޕް ކޮންފަރެންސްގައި ހާހަކަށްވުރެ ގިނަ މަންދޫބުން ބައިވެރިިވެއެވެ. އެ ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި އެޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ހިމެނެއެވެ. އަދި އެޕާޓީގެ ދާއިރާތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ކޮންފަރެންސް ފެށުމުގެ ގޮތުގެ ދާއިރާގެ ރައީސުންނާއި ނައިބުރައީސުން ޤަރާރެއް ވިދާޅުވެ އެ ޤަރާރުގައި ސޮއިކުރައްވާފައިވެއެވެ.
މި ކޮންފަރެންސްގެ ތެރެއިން ރިޔާސީ އިންތިހާބަށް ތައްޔާރުވުމާއި، ކެމްޕޭންގެ ދަތުރުތައް އަލުން ފެށުމާއި ޕާޓީ އަލުން ތަރުތީބުކޮށް އެއްބައިވަންތަކަމާ އެކު އިންތިހާބަށް ނުކުތުމަށް މެމްބަރުންގެ ބައްދަލުވުންތައް ބާއްވަން ވަނީ ހަމަޖެހިފައެވެ.
ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހު ކޮންފަރެންސްގެ ސެޝަންތައް ދަރުބާރުގޭގައި ކުރިއަށް ގެންދާން ހަމަޖެހިފައިވާއިރު ހުކުރު ދުވަހު ހަވީރު 3:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ "ބުންވަރު ހިނގާލުން" ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ އެވެ. އަދި ކޮންފަރެންސް ނިންމާލުމުގެ ގޮތުން ޚާއްސަ ޖަލްސާއެއް ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.