
20230202140945_A33I1069
ޖަލަށްލީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނޫންކަމަށާއި ޖަލަށް ލައިގެން އުޅެނީ ދިވެހި ރާއްޖޭގެ މިނިވަންކަންކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިމޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު މާލޭގައި ފެށި އިދިކޮޅު ކޯލިޝަންގެ " ހޯޕް ކޮންފަރެންސް " ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދުރޭ ވިދާޅުވީ އަދުގެ ސަރުކާރުން ޖަލަށް ލައިގެން އުޅެނީ ދިވެހި ޒުވާނުން މާދަމައަށް ކުރަމުން ގެންދާ އުންމީދާއި ދިވެހުން ދިވެހި ގައުމާ ދޭތެރޭ ކުރަމުން ގެންދާ އުންމީދުގެ އިތުރުން މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ހުޅުކޮޅާއި މާދަމާގެ ކުޑަކުދިންގެ ހުވަފެން ކަމަށެވެ.
ޖަލަށް ލައިގެން މި އުޅެނީ ދިވެހި ޒުވާނުން މާދަމައަށް ކުރަމުން ގެންދާ އުންމީދު، ޖަލަށް ލައިގެން މި އުޅެނީ ދިވެހުން ދިވެހި ގައުމާ ދޭތެރޭ ކުރަމުން ގެންދާ އުންމީދު، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ހުޅުކޮޅު، މާދަމާގެ ކުޑަކުދިންގެ ހުވަފެން، މިއަދު ދިރިތިބީން އެބައެއްގެ ހިތުގައި މިހާތަނަށް ދިވެހި ގައުމުގެ ވެރިއަކަށް ނުދޭ ފަދަ ގަދަރާއި އިހްތިރާމް ދެއްވާފައިވާ ހުރި ދިވެހިރާއްޖޭގެ ވަތަނީ ސިޔާސީ ލީޑަރު" އަދުރޭ ވިދާޅުވިއެވެ.
އަދި ބޮޑު ގައުމަކަސް، ކުޑަ ގައުމަކަސް އިރުމަތީ ގައުމަކަސް ހުޅަނގުގެ ގައުމަކަސް ނުވަތަ އުތުރުގެ ގައުމަކަސް ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ ގައުމިއްޔަތާއި ކުޅެފިއްޔާއި އެބަޔަކާއި ދިމާއަށް ނޫނެކޭ ބުނުމުގެ ހިތްވަރާއި ކެރުންތެރިކަން ރައީސް ޔާމީންގެ ހުންނާނެކަން އަދުރޭ ފާހަގަކުރެއްވި އެވެ.