
big_kAxjVTRqesY5kBSODIenBoxl7
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއަށް ކުރިމަތިލީ 25،000 އަށް ވުރެން ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބޭ 6،720 މީހުންގެ ދާއިމީ ލިސްޓު ފްލެޓް ކޮމިޓީން ގެޒެޓްގައި އާއްމުކޮށްފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ވަނީ 7،000 ފްލެޓެވެ. ދާއިމީ ލިސްޓު ނެރެފައިވަނީ ހިޔާ މަޝްރޫއުގައި ހުޅުވާލި 12 ކެޓަގަރީ އާއި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ފްލެޓް ކަށަވަރުވާ މީހުން ވަކިން އެނގޭ ގޮތަށެވެ. ފްލެޓް ލިބޭ ދާއީމީ ލިސްޓް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކޮށްފައިއެވެ.
ރައީސް އޮފީހުގެ ބެލުމުގެ ދަށުގައި އޮންނަ ފްލެޓް ކޮމިޓީން ބުނިގޮތުގައި ދާއިމީ ލިސްޓުތައް މި އިއުލާންކުރީ ކުރިން ޕޮއިންޓް ދީފައި ވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމަށް ފަހު އެވެ. އަދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި، ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ ފްލެޓް ލިބިފައި ނުވާ ފަރާތްތައް ޝަރުތު ހަމަ ނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބު ބަޔާން ކޮށްފައި ވާނެ ކަމަށެވެ. ދާއިމީ ލިސްޓް އިއުލާންކޮށްފައި ވިޔަސް ފްލެޓް ހަވާލުކުރުމުގެ ކުރިން ހައުސިން މިނިސްޓްރީން އިތުރަށް ބަލާނެ އެވެ.
ކުރީގެ ސަރުކާރުގައި ފްލެޓް ދޫކުރި ގޮތާ ގުޅޭ ގޮތުން ކުރި ޝަކުވާތައް ބެލުމަށް މި ސަރުކާރުގައި އެކުލަވާލި ފްލެޓް ކޮމިޓީން ބުނީ ފޯމުތައް އަލުން އިވެލުއޭޓްކޮށް ޕޮއިންޓް ދިނީ ކުރީގެ ސަރުކާރުގައި އިއުލާންކޮށްފައިވާ ކްރައިޓީރިއާ އަށް ކަމަށާއި ބަދަލު އައީ ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ކަނޑައެޅި 30 ޕޮއިންޓަށް ކަމަށް ފްލެޓް ކޮމެޓީއިން ވަނީ ބުނެފަައެެވެ.
ހިޔާ މަޝްރޫއުގެ ފްލެޓުގެ އަދަދަކީ 7،000 ކަމަށް ކުރީގެ ސަރުކާރުން ކަނޑައަޅާފައި ވިޔަސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރި އަށް މި ސަރުކާރުން ޚާއްސަކުރުމުން އެ އަދަދު 6،720 ފްލެޓަށް ބަދަލުވީ އެވެ.
ފްލެޓް ކޮމެޓީން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ފަހު ދުވަހު ދާއިމީ ލިސްޓް އާންމު ކުރުމަށެވެ. ނަަމަވެސް އެކަން ނުކުރެވުނީ ހުރިހާ ޝަކުވާތަކަށް ޖަވާބުދީ ހައްގު މީހުންނަށް ފްލެޓް ދިނުމަށް ޝަކުވާ ނުކުރެވޭނެ ފަދަ ދާއީމީ ލިސްޓެއް ނެރުމަށް ކަމަށް ފްލެޓް ކޮމެޓީން އޭރު ވަނީ ބުނެފައިއެވެ.