ރާއްޖޭގައި ފުޅާދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ އޫރީދޫ މޯލްޑިވްސްއާއި ކޮމިއުނިކޭޝަން މިނިސްޓްރީ ގުޅިގެން އިންޓަނެޓް ސޭފްޓީ ދުވަހާއި ގުޅުވައިގެން ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
އެގޮތުން އިންޓަނެޓް ސޭފްޓީ ކެމްޕޭންގެ ދަށުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގަން، ކޮމިއުނިކޭޝަންސް ސައެންސް އެންޑް ޓެކްނޮލޮޖީ އާއި އުރީދޫ މޯލްޑިވްސްގެ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފައިއެވެ. މި އެއްބަސްވުމުގެ މަގުސަދަކީ އަމާން މާހައުލެއްގައި އިންޓަނެޓުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށްޓަކައި، މުޖުތަމައު އަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމާއި ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި، ދިވެހި އާއިލާތަކަށް އަމާން، ރައްކާތެރި، އަދި އުފާވެރި މާހައުލެއް ގާއިމް ކޮށްދިނުން ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.
އަދި މި ކެމްޕެއިން މެދުވެރިކޮށް ސައިބާ ސޭފްޓީގެ މުހިއްމުކަމާއި ހުށިޔާރުވާން ޖެހޭ ކަންކަމާއި، ސައިބާ ސޭފްޓީ ޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު އުރީދޫއިން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި ސްކޫލު ކުދިންނާއި މައިންބަފައިން އަދި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެބިނާތަކާއި ވީޑިއޯތައް މެދުވެރިކޮށް މައުލޫމާތު އިތުރުކޮށްދީ، ތަމްރީންތައް ކުރިއަށްގެންދިޔުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ.
އިންޓަނެޓް މެދުވެރިކޮށް އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމާއި ތަރައްގީއަށް މަގުފަހިކޮށްދޭ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާ ކަމަށާއި ހުރިހާ ބާވަތެއްގެ މައުލޫމާތާއި ކޮންޓެންޓް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކާއި ގުޅުވާލަދޭ ވަސީލަތަކަށް އިންޓަނެޓްވީއިރު ފަރުވާތެރިކަމާއި ޒިންމާދާރުކަންމަތީ ބޭނުން ނުކުރެވިއްޖެނަމަ ނުރައްކާތެރި އަމަލުތަކުގެ ޝިކާރައަކަށް ވެގެންދާނެ ކަމަށް މި ކެމްޕެއިންއާ ގުޅޭ ގޮތުން ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވިއެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު ނަޖީބް ހާން ވިދާޅުވީ، އިންޓަނެޓާއި ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި ކަމަށާއި ހުރިހާ ބާވަތެއްގެ މައުލޫމާތެއް އިނގިލިކުރިތަކާއި ހަމައަށް އިންޓަނެޓް މެދުވެރިކޮށް ގެނެސްދީފައިވާއިރު، ނުރަނގަޅު އެތައް ކަމަކަށް ވެސް އިންޓަނެޓުން މަގުފަހިކޮށްދޭ ކަމަށެވެ.