
img_3089.jpg
ގއ މާމެންދޫގައި ހިނގި ގްރޫޕް މާރާމާރީއާއި ގުޅިގެން އިތުރު ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.

" ގާފު " އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިގޮތުގައި އިތުރު ދެމީހަކު ވަނީ މިމާރާމާރީއާއި ގުޅިގެން މާމެންދޫއިން ހައްޔަރުކޮށްފައި އެވެ.
މިއާއިއެކު މި މައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު ފަހަކަށް ވަނީ އަރާފައިއެވެ. ހައްޔަރުކުރި މީހުން މިހާރު ވަނީ ގއ ވިިލިނގިލި ޕޮލިސް ސްޓޭޝަނަށް ގެންދެވިފައިއެވެ.
މި މައްސަލައާއި ގުޅިގެން ރޭ ތިން މީހަކު ވަނީ ހައްޔަރުކޮށްފައި އެވެ. އެގޮތުން ރޭ ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މާމެންދޫގައި ހިނގި މި ގްރޫޕް މާރާމާރީގައި އުމުރުން 17 އަހަރުގެ ކުއްޖެއްކަމުގައިވާ އަހުމަދު އުދައްޔު ވަނީ މަރާލާފައިއެވެ. އަދި މި މާރާމާރީގައި އިތުރު ޒުވާނަކަށްވެސް ވަނީ ހަމަލާދީ ޒަހަމްކޮށްލާފައިއެވެ. އެގޮތުން ޒަހަމް ކޮށްފައިވަނީ މަރާލި އުދައްޔުގެ ބޭބެ އެވެ.
މިމާރާމާރީގައި މަރުވި އުދައްޔުގެ ހަށިގަނޑުވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާލުމަށް މާލެ ގެންދެވިފައިއެވެ.
މި މައްސަލަ ފުލުހުންގެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.