
މުޖުތަމައު ތެރެއިން ބަލި ފެނުމާއި އެކު ފުވައްމުލައް މޮނީޓަރިންގ ހާލަތައް
MSH_1090
ފުވައްމުލަކުން ވަކިތަރުތީބެއް ނެތި ނެގި ސުންކުތަކުގެ ތެރެއިން 2 މީހަކު ކޮވިޑް-19އަށް މިއަދު ފައްސިވެފައިވާތީ އެ ސިޓީ މޮނީޓަރިންގ ހާލަތައްވަނީ ލައިފައެވެ.

ފުވައްމުލައް މޮނީޓަރިންގ ހާލަތައް ލާފައިވަނީ މިރޭ 19:02 ގައެވެ.
ފުވައްމުލައް ސިޓީގައި ކޮވިޑް-19 ރޯގާ ފެތުރިފައިވޭތޯ ބެލުމަށް 7 ފެބްރުއަރީ 2021 ވީ އާދިއްތަ ދުވަހު ނެގުނު ރެމްޑަމް ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ފަރާތްތަކުގެ ތެރެއިން 2 މީހަކުވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ރެމްޑަމް ސާމްޕަލް ނަގާފައިވަނީ އާއްމުންންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެފަރާތުން ކަމަށްވާތީ، ފުވައްމުލައް ސިޓީގައި 'ކޮމިއުނިޓީ ސްޕްރެޑެއް' އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް ފުވައްމުލައް ހޮސްޕިޓަލުން ވަނީ މައުލޫމާތު ލިބިފައެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ތަކުރާރުކޮށް ފުވައްމުލަކު ހޮސްޕިޓަލުންވަނީ އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކޮންޓެކްޓް ޓްރޭސިން ހެދުމާއި ރައްކާތެރިކަމުގެ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކާއެކު ފުވައްމުލައް ހޮސްޕިޓަލުން ދަނީ މަސައްކަތް ކުރަމުންނެވެ.