
ފީކޮއެ ކުޅެން ކޮންޓެއިނަރަކަށް ވަން ކުއްޖަަކު ދިޔައީ ބަންގްލަދޭޝްއިން މެލޭޝިއާއަށް
resize-1 copy
ބަންގްލަދޭޝްގައި ފީކޮއެ ކުޅެން ކޮންޓެއިނަރަކަށް ވަން އުމުރުން 15 އަހަރުގެ ކުއްޖަކު ކޮންޓެރިނަރު ތެރޭގައި ހުއްޓާ އެކޮންޓެއިނަރު އެހެން ގައުމަކަށް ގެންގޮސްފިއެވެ.

ފިލަންވެގެން އެކުއްޖާ ކޮންޓެއިނަރަށް ވަނުމަަށްފަހު ނިދުނީ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެކުއްޖާ އޮތް ކޮންޓެއިނަރު ހުޅުވާފައިވަނީ މެލޭޝިއާއިންނެވެ.
އެކޮންޓެއިނަރު ހުޅުވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، އެވީޑިއޯއިން ފެންނަނީ ކޮންޓެއިނަރު ހުޅުވުމާއެކު އެކުއްޖާ ހައިރާންކަމާއެކު އުޅޭ މަންޒަރެވެ.
އެކޮންޓެއިނަރު ބަންގްލަދޭޝްއިން ފުރުވާފައިވަނީ ޖެނުއަރީ 11 ވަނަ ދުވަހުއެވެ. އަދި އެކޮންޓެއިނަރު މެލޭޝިއާއިން ހުޅުވާފައިވަނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ. ފަހީމް ނަމަކަށް ކިޔާ މިކުއްޖާ ކޮންޓެއިނަރު ތެރޭގައި ނުކައި ނުބޮއެ ހުރުމުގެ ސަބަބުން ހުރީ ވަރަށް ބޮޑަށް ބަލިވެފައެވެ. އެހެން ކަމުން އޭނާގެ ސިއްހީ ހާލަތު ދެނެގަތުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
ފަހީމް ކޮންޓެއިނަރު ތެރޭގައި ހުރިކަން އެނގުނީ އޭނާ ކޮންޓެއިނަރުގައި ތަޅާ އަޑުގަދަ ކުރާ އަޑު އިވިގެންނެވެ. އެއާއެކު މެލޭޝިއާގެ މެރިން ފޯސް އާއި އެގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓާއި ހެލްތު ޑިޕާޓްމަންޓްތަކުގެ ޓީމުތައް އެތަނަށް ގޮސް ހަރަކާތްތެރިވާން ފެށިއެވެ.