
-
ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވެގެން ބަންދުކޮށް، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ 'އަދަދު' ނޫހުގެ ދެ ނޫސްވެރިންނާއި، މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންނާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބައްދަލުކޮށް އެމީހުންގެ ހާލު ބަލައިފިއެވެ.
އެޗްއާރްސީއެމްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބަންދުގައި ތިބި މީހުންގެ ހާލަތު ބެލުމަށް ކުރި މި ޒިޔާރަތްތަކުގައި އެ ފަރާތްތަކުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ތަހުގީގު ކުރަންޖެހޭ ކަންކަން ބެލުމަށް ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ.
މި މައްސަލައަކީ ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން މިދިޔަ މާޗު މަހުގެ ފަހުކޮޅު ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ފެށުނު މައްސަލައެކެވެ. އެ ޑޮކިއުމެންޓްރީގައި ރައީސަށް ގަޒްފު ކުރި ކަމުގެ ތުހުމަތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ބަލަން ފެށުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ މިދިޔަ މެއި 10 ވަނަ ދުވަހު މިކަމާ ގުޅޭ ވާހަކަތައް ނުދެއްކުމަށް އަންގައި "ގެގް އޯޑަރެއް" ނެރެފައެވެ.
ނަމަވެސް އެ އަމުރު ނެރުނު ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައާ ގުޅޭގޮތުން ވާހަކަދެއްކުމާ ގުޅިގެން، 'އަދަދު' ނޫހުގެ ދެ ނޫސްވެރިއަކު ވަނީ ކޯޓު އަމުރާ ޚިލާފުވި ކަމަށް ކަނޑައަޅައި ޖަލަށްލުމާއެކު ޖޫރިމަނާކޮށްފައެވެ. އެގޮތުން އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25,800 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވާއިރު، ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމާއެކު 26,800 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި ދެ ނޫސްވެރިންގެ އިތުރުން، މާލޭގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ހާލަތުވެސް އެޗްއާރްސީއެމްއިން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.














.jpg?w=3840&q=75)

