logoEN
cocacola
ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ކާޑިޒް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު ކާޑިޒް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ މޮޅެއް

ހަސަން ޝަމްއޫން

logo

5/4/2024, 4:12:42 PM

# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް

ރެއަލް މެޑްރިޑާއި ކާޑިޒް ވާދަކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ކާޑިޒް އާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ ކުރީގައި 14 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ގޮސިޔާ

ޔުއެފާ ޗެންޕިއަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބުދަ ދުވަހުގެ ރޭ ބަޔާން މިއުނިކާއި ދެކޮޅަށް ކުޅޭ މެޗު ކުރިއަށް އޮތުމާއެކު މިރޭގެ މެޗުގައި ރެއާލްގެ ކޯޗު އަންޗެލޮއްޓީ ވަނީ އެޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް ރެސްޓުފީފައެވެ.

ނަމަވެސް އަނިޔާގެ ސަބަބުން މިސީޒަނުގެ ބޮޑުވައި ކުޅުމާއި ދުރުގައި ތިބުމަށްފަހު މިހާރު ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނަ އެޓީމު އެއްނަންބަރު ކީޕަރު ޓީބޯ ކޯޓުއާ ވަނީ މިމެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން 6 ވަނަ މިނެޓުގައި އެޓިމުން ވަނި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މޮރޮކޯ ފޯވާޑް ބްރަހީމް ޑިއާޒް އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތެއްފައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް މެޑްރިޑުން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ފަހުހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ. މިއީ އެޓީމުގެ ބްރަހީމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 26 މެޗުގައި އޭނާ ކާމިޔާބުކުރި 18 ވަނަ ލަނޑެވެ.

ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކެޕްޓަން ނައްޗޯ ތަނަވަސްކޮދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ހޯސެލޫ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތިޖައަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 34 މެޗުން ރެއާލް މެޑްރިޑަށް 87 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ 14 ޕޮއިންޓްގެ ލީޑަކާއިއެކު ލީގު ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ކާޑިޒްއަށް 34 މެޗުން ލިބުނު 26 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 18 ވަނައިގައެވެ. އަދި މިރޭ ރަށުން ބޭރުގައި ޖިރޯނާއާއި ދެކޮޅަށް ކުޅޭ މެޗުން ބާސެލޯނާ މޮޅު ނުވެއްޖެނަމަ ރެއާލް މެޑްރިޑަށް ބާކީ 4 މެޗު އޮއްވައި ލީގު ޗެންޕިއަންކަން ކަށަވަރުވެގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ